ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ވެރިކަންކުރާ އެމްޑީޕީން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ އަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ނޯޓިސް އަނބުރާ ފޮނުވާލާނެ ކަމަށް މަލީހު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު ތައްޔާރު ކުރެއްވި މެމްބަރު ވަނީ އެމްޑީޕީގެ 14 މެމްބަރަކަށް އޮޅުވާލާފައި ކަމަށެވެ. އެކަމާ ގުޅިގެން އެ މެމްބަރާ މެދު ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އިތުބާރު ނެތް ކަމަށް ހުށަހެޅި ދޮގު ވާހަކަތަކެއް ހިމެނޭ ބާތިލް ގަރާރެއް ކަމަށެވެ. އޭގައި ވަރަށް ބޮޑެތި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން މަސައްކަތްކޮށް ފަހުން އެކަން ހުއްޓާލާފަ އެވެ. އެ ފަހަރު އެކަން ކުރަން އުޅުނީ ކޮމިޔުނިކޭޝަން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތަކެއް ހަދާފައިނުވާ ކަމަށް ބުނެ އެވެ.

ނަމަވެސް ކޮމިޔުނިކޭޝަން މިނިސްޓްރީން ވަނީ އެއީ ދޮގެއްކަން ހާމަކޮށް އެ މިނިސްޓްރީން އަލަށް ހެދި ގަވާއިދުތަކުގެ ލިސްޓެއް މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެއަށްފަހު އެމްޑީޕީގެ މަޖިލިސް މެމްބަރުން ގަވާއިދުތަކުގެ ވާހަކަ ނުދައްކަވަ އެވެ.

ދެން ދައްކަވަން ފެށީ އިންޓަނެޓް އަގުހޮޔޮ ނުވާ ވާހަކަ އެވެ. އެކަން ނުވަނީ މިނިސްޓަރު މަލީހުގެ ސަބަބުން ކަމަށް ވިދާޅުވާން ފެށި އެވެ. ނަމަވެސް އެއީވެސް ދޮގެއްކަން ހާމަވެގެންދިޔަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ނިންމުމަކީ ދެ އަހަރު ފަހުން އިންޓަނެޓްގެ އަގު ހެޔޮ ކުރުން ކަމަށެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މަބްރޫކް އެހެން ވިދާޅުވުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުން އެކަމަށް އެއްވެސް ރައްދެއް ދީފައިނުވާ ކަމެވެ.