ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާދެއްވައިފި އެވެ.
ޖާބިރުގެ ގާނޫނީ ވަކީލު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޖާބިރު އެންމެ ފުރަތަމަ ކާށިދޫ ދާއިރާގެ މެމްބަރަކަށް ވަޑައިގަތީ އެ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އެފަހަރު ޖާބިރު އެ ދާއިރާއަށް ވާދަކުރެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ތާއީދާއެކު އެވެ.
ޖާބިރު މެމްބަރުކަމުން އިސްތިއުފާދެއްވިއިރު، މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހުގެ ދައުރު ހަމަވާނީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މި މަހުގެ 15 ގަ އެވެ. މި ދައުރުގެ ފަހު ޖަލްސާ މި މަހުގެ 13 ގައި ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާން ކުރައްވާފަ އެވެ.
ވިހި ވަނަ މަޖިލިހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެސް އަމިއްލަގޮތުން ކާށިދޫ ދާއިރާއަށް ޖާބިރު ވާދަކުރެއްވި އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ފަހުވަގުތު އެނގުމުން އޭނާ ވަނީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހީމަށް ތާއީދު ކުރައްވާފަ އެވެ.
އިސްތުފާ ދެނީ މަޖުލިސް މުއްދަތު ހަމަވާން ދެ ދުވަހަށް ވީމަ ދޯ