ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނު ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން މިއަދު ނިންމައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ބޮޑެތި ދައުވާތަކެއް އަލީ ވަހީދަށް ކޮށްފައި ވަނިކޮށް އޭނާ ފުރަން ގާޒީ ހަސަން ހުއްދަ ދެއްވީ މައިބަދައިގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އަލީ އެދިވަޑައިގަތުމުންނެވެ. އެ މައްސަލާގައި ޕީޖީ އާއި ކްރިމިނަލް ކޯޓާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

ޖޭއެސްސީން މިއަދު ބުނީ ހަސަން ސައީދުގެ މައްސަލައެއް ބަލަން ނިންމީ އަމުރުތައް ނެރުމުގައި ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް އަމަލު ކުރުމާއި އެހެން މީހުންނާ ތަފާތުކޮށް އަދި ވަކި މައްސަލައެއްގައި ދައުވާލިބޭ މީހާގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމުރުތައް ނެރެފައިވާ މައްސަލައެއްގައި ކަމަށެވެ. އަދި އަމުރު ނެރުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނާޖާއިޒް ފައިދާއެއް ދައުވާލިބޭ މީހަކަށް ހޯދައިދިން ކަމަށް ތުހުމަތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލަ ބަލަން ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައި ވިޔަސް، އެއީ އަލީ ވަހީދު ފުރަން ހުއްދަ ދިން މައްސަލަ ކަމެއް ޖޭއެސްސީން ނުބުނެ އެވެ. އެ މައްސަލަ ޕީޖީގެ ފަރާތުން ވެސް އޮތީ ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.

ގާޒީ ހަސަން ސައީދު ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނަވައިގެން ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ހުރަސް އެޅުއްވި ކަން ޖޭއެސްސީގެ ތަހުގީގަށް ކުރިން ސާބިތުވެ، އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން ނިންމި ކުރިން ނިންމި އެވެ. އެކަމަކު ފަހު ވަގުތު ކޮމިޝަންގެ ނިންމުން ބަދަލުވެ، އޭނާ ވަކި ނުކުރަން ނިންމި އެވެ. އަދި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ކްރިމިނަލް ކޯޓަށް އޭނާ ބަދަލުކުރީ 2019 ވަނަ އަހަރު އެވެ.