ކުރިއަށް އޮތް މި އަހަރުގެ ކޭން ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ ދެތަރިން ކަމަށްވާ އައިޝްވާރްޔާ ރާއީ އާއި އަދިތީ ރާއޯ ހައިދަރީ ފެންނާނެ އެވެ.

އެ ދެ ތަރިން ކޭންގެ ރެޑް ކާޕެޓުން ފެންނާނީ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް ލޮރެއަލްގެ އެމްބެސަޑަރުންގެ ގޮތުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

އައިޝްވާރްޔާ ރާއީ މީގެ ކުރިން ވެސް ކޭން ފެސްޓިވަލުތަކުން ފެނިފައިވާއިރު އެ ފެސްޓިވަލްތަކުގައި އޭނާ ބޭނުންކުރި ހެދުންތަކަކީ މިހާރު ވެސް އާއްމުންގެ މެދުގައި މަގު.ބޫލު ހެދުންތަކެކެވެ.

އަދިތީ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ވެބް ސީރީޒް ހީރާމަންޑީއަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ހީރާމަންޑީއަށް ވަނީ ނެޓްފްލިކްސްގައި އެންމެ ގިނަ މީހުން ބެލި ސީރީޒްގެ ލަގަބު ލިބިފަ އެވެ.

މި އަހަރުގެ ކޭން ފިލްމު ފެސްޓިވަލް އޮންނާނީ މެއި މަހުގެ 14 އިން 25 އަށް ފްރެންޗް ރިވިއޭރާގަ އެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ތަރިން މި ފެސްޓިވަލުން ފެނިގެންދާނެ އެވެ.