މިދިޔަ ހޯމަ ދުވަހު ބޭއްވި ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މެޓް ގާލާއިން 26 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

މުނިފޫހިވިލުވުމާއި ކުޅިވަރު އަދި އެހެނިހެން ދާއިރާތަކުން ދުނިޔޭގެ މަޝްހޫރު ފަންނާނުން ބައިވެރިވި އެ ހަފްލާގައި މިއަހަރު ވެސް ތަފާތު އެތައް ހެދުންތަކެއް ފެނިގެންދިޔަ އެވެ.

އެ ހަފްލާގައި 10 މީހުންގެ މޭޒެއްގެ ފެށޭ އަގަކީ 350،000 އެމެރިކާ ޑޮލަރެވެ. އެގޮތުގެ މަތިން މިއަހަރު ލިބުނު އާމްދަނީއަކީ މެޓް ގާލާގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.

މި އަހަރުގެ ހަފްލާގެ ތީމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ދަ ގާޑަން އޮފް ޓައިމް" ނުވަތަ ވަގުތުގެ ބަގީޗާ އެވެ. ހަފުލާއަށް އައި ގިނަ ތަރިންތަކެއް ވަނީ މި ތީމްއާ ގުޅޭ ހެދުންތަކެއް ހިޔާރުކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް މެޓް ގާލާގައި އާދަޔާހިލާފު އެތައް ހެދުމެއް ފެނިގެންދާއިރު އެއީ އަހަރު ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ހަފްލާ ވެސް މެއެވެ.

ހަބަރުތައް ބުނާ ގޮތުގައި މެޓް ގާލާއިން ލިބުނު އާމްދަނީ ބޭނުން ކުރާނީ އިންސްޓިޓިއުޓް އޮފް ކޮސްޓިއުމްސްގެ އެކި ހަރަކާތްތަކުގަ އެވެ.