ޑާކް ރެއިން އެންޓަޓައިންމަންޓުގެ ބިރުވެރި ކޮމެޑީ ފިލްމު "ބީބީ"ގެ ޝޫޓިން ނިންމާލައިފި އެވެ.

ޑާކްރެއިން އިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ޓީވީއެމް އަދި ދިވެހި އެފްއެމްގެ މަޝްހޫރު ޕްރެޒެންޓަރު ޝަހުދާ މަމްދޫހު އެވެ. މިއީ ޝަހުދާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ޝަހުދާ އެވެ.

މިި ފިލްމު އިއުލާނުކޮށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

"ބީބީ"ގެ ޝޫޓިން މިހާރު ނިމިފައިވާއިރު މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝަހުދާގެ ފިރިމީހާ، މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އާއި ޝީލާ ނަޖީބުގެ އިތުރުން ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.

މި ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައިނުވި ނަމަވެސް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް އަވަސް މުސްތަގްބަލެއްގައި އާންމުންނަށް ދައްކާލާނެ ކަމަށް ޑާކްރެއިން ބުނެ އެވެ.

ޑާކްރެއިނުން އޮލިމްޕަހަށް ގެނައި އެންމެ ފަހުގެ ފިލްމަކީ "ފުރޭތަ" އެވެ. އެ ފިލްމަކީ ވެސް އެކްޓަރު ޝަރަފް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.

މިހާރު އޮލިމްޕަހުގައި އޮތީ މިދިޔަ މަހުގެ 11 ގައި ޕްރީމިއާކުރި އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ.