އުރްދުންގައި ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ، އިތުރު މީހަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފި އެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާއިން ޖެހިޖެހިގެން ހަތް ރޭ ވަންދެން ދެމުންދިޔަ ހަމަލާތަކަށްފަހު، އެމެރިކާއިން މަޝްރަހު ގޯސްކުރަން އުޅޭތީ އޭގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އިންޒާރު ދެއްވާފައި ވަނިކޮށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެކުލަވައިލި ވަގުތީ ސުލްހައިގެ އެއްބަސްވުން މިދިޔަ ހަފުތާގައި އުވާލުމާ ގުޅިގެން، އެމެރިކާއާއި އީރާނުން ވަނީ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ފުރިހަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި ހުކުރު ދުވަހު ދިން ހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު، ތިންވަނަ މީހަކު ވަނީ ގެއްލިފަ އެވެ. މިއާއެކު މި ހަމަލާތައް ފެށުނު ފަހުން މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 16 އަށް އަރާފަ އެވެ. އަދި 420 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މަރުވި ސިފައިންގެ ގުރުބާނީގެ ސަބަބުން އެމެރިކާގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ އިންފްރާސްޓްރަކްޗާ ތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުގައި، އީރާނުން ވަނީ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާ އާއި، ގަލްފުގެ އެހެން ގައުމުތަކުގެ އިތުރުން އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ވަގުތީ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވުމުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން މަޝްރަހު ގޯސްކުރަން އުޅޭނަމަ، އީރާނާއި "ރެސިސްޓަންސް ފްރަންޓް" އިން ހަނދާން ނުނެތޭ ފަދަ ފިލާވަޅެއް ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
ބަހްރޭން، އުރުދުން އަދި ސައުދީ އަރަބިއްޔާއަށް އީރާނުން ހަމަލާދިން ކަމުގެ ރިޕޯޓްތައް
ކުވޭތަށް ދިން ހަމަލާތަކެއްގައި ބައެއް މީހުން ޒަހަމްވެ، ތެޔޮ ރިފައީނަރީއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނީ ކުވޭތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށާއި ރާޑަރު ފެސިލިޓީއަކަށް ހަމަލާދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށާއި، އުރުދުންގައި ހުރި އަލް އަޒްރަގް ބޭސްއަށް ވެސް ހަމަލާދީ އެމެރިކާގެ ބައެއް ހަނގުރާމަމަތީ ބޯޓުތައް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކުގައި ރައްކާތެރިކަން ހޯދުމަށް އިންޒާރު ނެރެފައިވާއިރު، މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އީރާނުން ސައުދީއަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ އެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން ސައުދީއަށް ހަމަލާދިން ކަމަކަށް އެއްބަހެއް ނުވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމުގެ ހަނގުރާމަ
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކަށް ހަމަލާދީފައިވާ ކަމަށެވެ. އީރާނުގެ ހޮރްމުޒްގާން ޕްރޮވިންސަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އީރާނުން ބުނެ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެމެރިކާގެ ހަމަލާތަކުގައި 50 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަން އެމެރިކާއިން މަސައްކަތް ކުރާ ކަމަށް އީރާނުން ތުހުމަތު ކުރެ އެވެ. މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ވަނީ 4 އިންސައްތައަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިއީ ކުރިއަށް އޮތް އެމެރިކާގެ އިންތިހާބާ ކުރިމަތިލާއިރު ރައީސް ޓްރަމްޕަށް ކުރިމަތިވާނެ ބޮޑު ސިޔާސީ ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.
ނަމަނަމަ ކޮންޓެކްޓް ލެންސްއާއެކު ނުނިދާތި!
އެމެރިކާ ސިފައިންނަށް ވަރުގަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު
ލަންކާގެ ހައުސް އޮފް ފެޝަންސްގެ ވެރިޔާ ހައްޔަރުކޮށްފި