"މިއުޅެނީ އޮފީހުން ޗުއްޓީ ނުދީގެން" މިއީ އަބަދުމެ އިވޭ ވާހަކައެކެވެ މަސައްކަތްތެރިންގެ ދާއިމީ ޝަކުވާއެކެވެ. ކުއްލި ކަމެއް ދިމާވެގެން ފުރަން ޖެހުނަސް އެ ކަމަކާއިގެން މީހާ ވާ ސްޓްރެސްއަށް ވުރެ އޮފީހުން ލިބުން ހައްގުވާ ޗުއްޓީ ނުލިބިގެން ވާ ސްޓްރެސް ބޮޑުވާން ޖެހޭ ފަހަރު އާދެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެ އެވެ. އަދި އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ، ވަޒީފާދޭ ފަރާތުން، އެފަރާތުގެ އެއްވެސް މަސައްކަތެއް އެމުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެ އެވެ. ނުވަތަ އެފަދައިން މަސައްކަތް ކުރުވުމަށް ހުއްދަކޮށްގެން ނުވާނެ އެވެ.

މިހާ ސާފުކޮށް ގާނޫނުގައި ކަންކަން ބަޔާންކޮށްފައިވީ ނަމަވެސް ހަގީގަތުގައި ކަންކަން ވަނީ މިހެން ހެއްޔެވެ؟ 30 ދުވަހުގެ ޗުއްޓީ ފުރިހަމައަށް ނެގެނީ ކިތައް މުވައްޒަފުންނަށް ހެއްޔެވެ؟ ޗުއްޓީގައި ހުރެ ގޭގައި ވިޔަސް މަސައްކަތް ކުރަންޖެހެނީ ކިތައް މުވައްޒަފުންނަށް ހެއްޔެވެ؟

ލީވް ޕްލޭން

ޗުއްޓީ ނެގުމުގެ ކަންކަން ކުރިއާލައި ރޭވުމަށް އަހަރު ފެށުމުން ގިނަ އޮފީސްތަކުގައި ލީވް ޕްލޭން ހަދާނެ އެވެ. ނަމަވެސް މި ޑޮކިއުމެންޓް ގިނަ ފަހަރަށް އޮންނަނީ ބޭކާރު އެއްޗަކަށް ވެފަ އެވެ. ޗުއްޓީ ލިބޭނީ ފަސޭހައިން ލިބޭ މީހަކަށެވެ. ހަމައެއް ލަމައެއް ނެތި އެވެ.

ޗުއްޓީ ދިނުމުގައި ހަމަހަމަކޮށް އަމަލުނުކުރުން

އެއްބަޔަކަށް މިއީ ވަރަށް ފަސޭހައިން ވާކަމެވެ. ބޭނުންވާ ދުވަހަށް ޗުއްޓީ ހޯދާލުމަކީ މެސެޖެއްކޮށްލުންހާ ފަސޭހަކަމެކެވެ. އަނެއްބައި މީހުން ޗުއްޓީ ހޯދުމަށް ނުކުންނަން ޖެހެނީ ހަނގުރާމަ އަކަށެވެ. ޗުއްޓީ ނަގަން ޖެހޭ ސަބަބު އެވަރަށް ކިޔައިދޭން ޖެހެ އެވެ. ލިޔެކިއުން ހުށައަޅަންޖެހެ އެވެ. އެތައް އާދޭހެއް ކުރަންޖެހެ އެވެ.

ޗުއްޓީ ނަގަން ޖެހޭ ގޮތް

ގާނޫނުގެ ދަށުން ޗުއްޓީ ލިބެނީ 30 ދުވަހެ އެވެ. މި 30 ދުވަސް ނެގޭނީ ކިހިނެތްކަން ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށްފައި ނެތް ނަމަވެސް އެދެވިގެން ވަނީ އޮފީހަށް ނުވަތަ މަސައްކަތަށް ދަތި ނުވާނޭހެން ޗުއްޓީ ނެގުމަށެވެ. ޗުއްޓީ ނަގަން ޖެހޭނެ ގޮތް އިނގޭނީ ހަގީގަތުގައި މުވައްޒަފަށެވެ. އެއީ ޗުއްޓީ ރާވާނީ މުވައްޒަފުންގެ އަމިއްލަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ވާތީ އެވެ. އެމީހަކު 30 ދުވަސް އެއްފަހަރާ ނަގަން ބޭނުން ވިޔަސް، ނުވަތަ އަހަރުގެ ތެރެއަށް ބަހާލައިގެން ނަގަން ބޭނުން ވިޔަސް އެއީ އެ މުވައްޒަފެއްގެ ހައްގެކެވެ. ދެ ޗުއްޓީ ދޭތެރޭ ވަކި މުއްދަތެއް އޮންނާކަށް ވެސް ނޯވެ އެވެ. މިހައްގުގެ މައްޗަށް ވަޒީފާ ދޭ ފަރާތަކަށް ބާރެއް ނުފޯރުވޭނެ އެވެ. އަދި 30 ދުވަސް އެއްފަހަރާ ނަގާކަށް ވެސް މަޖުބޫރެއް ނުކުރެވޭނެ އެވެ.

އޮފީހަށް ނުވަތަ މަސައްކަތަށް ދަތިވުން

ތެދެކެވެ. އާންމުކޮށް މަސައްކަތުގައި އުޅޭ މީހަކު އޮފީހުގައި ނެތުމުން އެކަމުގެ އެނގުން ވާނެ އެވެ. މަސައްކަތަށް ދަތި ވެސް ވެދާނެ އެވެ. އެކަން މަސައްކަތްތެރިޔާ ވެސް ބަލައިގަންނަން ވާނެ އެވެ. އެކަމަކު އެއީ އެ މުވައްޒަފަކަށް ލިބެން ޖެހޭ ހައްގެއް ނިގުޅައިގަތުމަށް ލިބޭ ލައިސެންސެއް ނޫނެވެ. މަސައްކަތަށް ދަތި ނުވާނޭ މިންވަރަށް ސްޓާފުން ހަމަކޮށްފައި ބެހެއްޓުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. ޗުއްޓީއަށް އެދުމުން ތާ އަބަދު މަސައްކަތަށް ދަތިވާކަމަށް ވާނަމަ އޭރުން އެކަންވަނީ ޗުއްޓީ ނުދީ ހިފެހެއްޓުމަށް ދައްކާ ބަހަނާއަކަށެވެ.

ޕްރޮފެޝަނަލް ހައްލެއް

މިކަމުގައި އަސްލު އެންމެ ޕްރޮފެޝަނަލް ހައްލަކީ ދެ ފަރާތަށް ވެސް ދެފަރާތުގެ ހައްގުތަކާއި ޒިންމާތައް ރަނގަޅަށް އެނގުމެވެ. އަހަރީ ޗުއްޓީ އަކީ މަސައްކަތްތެރިންގެ ގާނޫނީ ހައްގެއެކެވެ. އަހަރީ ޗުއްޓީ އަކީ ނަގަން ޖެހޭ އެއްޗެކެވެ. ޗުއްޓީ ނުނަގާ ހުރުމަކީ މާ ޒިންމާދާރު މާ ރަނގަޅު މުވައްޒަފަކަށް ވެވުނީ އޭ ހީކުރެވޭ ވިސްނުން ދޫކޮށްލާށެވެ.

ވަޒީފާދޭ ފަރާތަށް ޤާނުނީ ޒިންމާތަކެއް ކަނޑައަޅާފައި އޮވެއެވެ. ޤާނޫނަށް ހުރުމަތްތެރިކޮށް ހިތާށެވެ. ޤާނޫނަކީ އެއަށް އަމަލުނުކުރާ އެއްޗަކަށް ވާނަމަ އެއީ ބޭކާރު އެއްޗެކެވެ.