ދިރާސީ އާ އަހަރު އެންމެ އިސްކަމެއް ދޭނީ ސަރުކާރު ހިންގާ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތް ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު، ޖަމާލުއްދީން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރަން ބެލެނިވެރިންގެ އަތުން ފައިސާ ހޯދަން ވަނީ ފަށައިފަ އެވެ. އަދި ބައެއް އެހެން ސްކޫލްތަކުން ވެސް ކްލާސް ރޫމްތައް ހޫނުވާތީ ދަނީ ޝަކުވާކުރަމުންނެވެ.

މިނިސްޓަރު ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި ކަމަށެވެ. އެގޮތުން މުދައްރިސުން ތަމްރީނު ކުރުމުގެ ފޮރޮގްރާމެއް ފައްޓަވާނެ ކަމަށާއި އެ ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލެއް ކުރިއަށް އޮތް ދެއަހަރު ތެރޭގައި އޭސީކޮށް ނިންމާނެ ކަމަށެވެ

"އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާ އެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން. إن شاء الل" ޝަފީއު ވިދާޅުވި އެވެ.

https://www.facebook.com/ismail.shafeeu

ސަރުކާރު ހުރިހާ ސްކޫލެއް އޭސީކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ކްލާސްރޫމްތައް ހޫނުކަމުގެ ޝަކުވާ އާންމުންކުރެ އެވެ. ރާއްޖޭގެ ހޫނުމިން ވެސް ވަކި ދުވަސްވަރެއްގައި މާ މައްޗަށް ދާތީ އޭސީއާ ނުލައި ކިޔަވައިދިނުން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް ވެސް، ބައެއް ބެލެނިވެރިން ބުނެ އެވެ.