މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދަރިވަރުން ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލު ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ވެއްދުމަށް ފުރުސަތު ލިބޭނީ:

  • ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
  • ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
  • ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން
  • ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

މީގެ ކުރިން ހުޅުވާލި ފުރުސަތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަނުމަށް އެދި އަތޮޅުތަކުން 967 ފޯމް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު ފަށާ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑް 1އަށް ވަނުމަށް އެދި 2،163 ފޯމް ވަނީ ހުށައަޅާފަ އެވެ. އޭގެ ތެރެއިން 1،192 ފޯމަކީ މާލެ ސަރަހައްދުން ހުށައަޅާފައިވާ ފޯމްތަކެކެވެ. އަދި 171 ފޯމަކީ އަތޮޅުތެރެއިން ހުށައަޅާފައިވާ ފޯމްތަކެކެވެ.

މީގެ އިތުރުން މާލޭގެ ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 1،158 ފޯމް ހުށައަޅާފައިވާއިރު، 967 ފޯމް ހުށަހަޅާފައި ވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށެވެ. މިއާއެކު ޖުމްލަ 4،117 ފޯމެއް ލިބިފައިވެ އެވެ.