ސިންގަޕޫރު (މެއި 15) - ސިންގަޕޫރުގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރަމުން އައި ލީގެ އާއިލީ ވެރިކަން ނިމި އާ ބޮޑުވަޒީރަކު މިއަދު ހުވާކޮށްފި އެވެ.

އޭޝިއާގެ މާލީ ހަބުގެ ގޮތުގައި ބެލެވޭ ގައުމުގެ ވެރިކަން އޮމާންކަމާ އެކު ބަދަލުކުރުމަށް ކުރިން ވެސް އޮތީ ރާވައި، ބޮޑުވަޒީރުގެ މަގާމަށް ގެންނާނެ ބޭފުޅަކު ދުރާލައި ކަނޑައަޅައިފަ އެވެ. އާ ބޮޑުވަޒީރު ލޯރެންސް ވޮން މަގާމުގެ ހުވާކުރެއްވުމަށް ފަހު ވަނީ "މިއަދަށް ވުރެ އުޖާލާ މާދަމާއެއް" ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެމެރިކާ އިން އިގްތިސާދީ އިލްމު އުނގެނިވަޑައިގެން ހުންނެވި އުމުރުން 51 އަހަރުގެ ވޮން އަށް ވެރިކަން ލިބިވަޑައިގެންނެވީ ވޭތުވެދިޔަ 20 އަހަރު ސިންގަޕޫރުގައި ބޮޑުވަޒީރުކަން ކުރެއްވި ލީ ސިއެން ލޫން، 72، އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. ލީ އަކީ ސިންގަޕޫރުގެ ތިންވަނަ ބޮޑުވަޒީރެވެ. ލީގެ ވަކިވުމަކީ އޭނާގެ ބައްޕާފުޅު އަދި ސިންގަޕޫރުގެ ފުރަތަމަ ލީޑަރު ލީ ކުއާން ޔޫގެ ދަރިކޮޅުގެ ވެރިކަމަށް ނިމުން އައުމެވެ. ލީ ކުއާން ޔޫގެ 31 އަހަރުގެ ވެރިކަމުގައި ވަނީ ސިންގަޕޫރަކީ އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމަށް ހަދައިދީފަ އެވެ.

ސިވިލް ސާވިސްގެ މަގާމެއްގައި ހުންނަވައިގެން 2011 ވަނަ އަހަރު ސިޔާސީ ދާއިރާ އަށް ނުކުންނެވި ވޮންގެ މަގްބޫލްކަން ބޮޑުވީ ސިންގަޕޫރުން ކޮވިޑް-19 މެނޭޖްކުރުމުގައި އޭނާ އަދާކުރެއްވި ރޯލުންނެވެ. އެކަމަކު ލީ އަށް ފަހު ބޮޑުވަޒީރުގެ މަގާމަށް ގެނައުމުގެ ފުރަތަމަ ޗޮއިސް އަކީ ވޮން އެއް ނޫނެވެ. ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އިޚްތިޔާރުކޮށްފައި ވަނީ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަދި އެޑިއުކޭޝަން މިނިސްޓަރު ހެންގް ސްވީ ކިއެޓެވެ. އެކަމަކު އޭނާ ވަނީ ނޮމިނޭޝަން އަނބުރާ ގެންދަވައިފަ އެވެ. އެހެންވެ ޕީޕަލްސް އެކްޝަން ޕާޓީން 2022 ވަނަ އަހަރު އިޚްތިޔާރު ކުރި ބޭފުޅަކީ ވޮން އެވެ. އޭނާ ވަނީ ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ފަހުން ޕްރޮމޯޓްކޮށްފަ އެވެ.

ލޯރެންސް ވޮން ހިމެނިގެން ދާނީ ސިންގަޕޫރުގެ ހަތަރު ވަނަ ބޮޑުވަޒީރުގެ ގޮތުގަ އެވެ. ލީ ސިއެންގެ ކުރިން ސިންގަޕޫރުގައި ބޮޑުވަޒީރުކަން ކުރެއްވީ ގޯ ޗޮކް ޓޮން އަދި އެ ގައުމުގެ ފައުންޑިން ލީޑަރު ލީ ކުއާން ޔޫ އެވެ. ލީ ިސިއެންގެ ޒައާމަތުގައި ސިންގަޕޫރަށް ވަނީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްފަ އެވެ. އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ވަނީ 92،000 ޑޮލަރަށް މަތިކޮށްފަ އެވެ. މިއީ ދުނިޔޭގަ ވެސް އެންމެ މަތީ ރޭޓެވެ. ލީގެ ބައްޕާފުޅު ލީ ކުއާން ޔޫ ވަނީ 1959 އިން 1990 އަށް ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ލީ ސިއެން ހުންނަވާނީ ސީނިއާ މިނިސްޓަރުގެ މަގާމުގަ އެވެ. ސިންގަޕޫރުގައި ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ލޯރެންސް ވޮންގް (ކ) އަދި އިސްތިއުފާ ދެއްވި ބޮޑުވަޒީރު ލީ ސިއެން ލޫން. --ފޮޓޯ:ވީސީޖީ

ލީ ސިއެން އެކޭ އެއްގޮތަށް ވޮން އަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ކައިވެނި ކުރައްވައިގެން އުޅުއްވި ނަމަވެސް ވޮންގެ ބޭފުޅަކު އަދި ނުހުރެ އެވެ. ވޮންގެ ޒާތީ ދިރިއުޅުމާ ބެހޭ މާގިނަ މައުލޫމާތެއް އާއްމެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް މިއުޒިކާއި ކުއްތާ ގެންގުޅުއްވަން ލޯބިކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެއީ ޓެނިސް ތަރި ރޮޖާ ފެޑެރާގެ ސަޕޯޓަރެކެވެ. ގިޓާ ކުޅުއްވާ ވީޑިއޯ އަމިއްލަ އަށް ޕޯސްޓް ކުރައްވަ އެވެ.

ވޮން އުފަންވެވަޑައިގެންނެވީ ސިންގަޕޫރު މިނިވަންވިތާ ހަތް އަހަރު ފަހުންނެވެ. އޭނާގެ ބައްޕާފުޅަކީ ޗައިނާ އިން ހިޖުރަކުރި މީހެކެވެ. މަންމާފުޅަކީ ޓީޗަރެކެވެ.

ވޮން އަށް ލިބިވަޑައިގެންނެވި ސްކޮލާޝިޕެއްގެ ދަށުން ވަނީ އެމެރިކާ އިން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. ޔުނިވާސިޓީ އޮފް މިޝިގަން އިން ވނީ އިކޮނޮމިކްސް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން އިން ވަނީ ދެވަނަ މާސްޓާސްއެއް ހާވަޑް ޔުނިވާސިޓީން ހާސިލް ކުރައްވައިފަ އެވެ.