އަސާސެއް ނެތް ވާހަކަތަކާނހެދި ވެކްސިން ޖަހަން މީހުން ދެކޮޅުހަދާ ކަމަށާއި ނަމަވެސް، ހައިރިސްކު ކެޓަގަރީތަކުގެ މީހުން އަވަހަށް ވެކްސިން ޖަހަން ޑރ. އިބްރާހިމް ޝިހާމް އިލްތިމާސް ކުރައްވައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކިޑްނީ އަދި އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އިބްރާހިމް ޝިހާމް ވަނީ އުމުރުން ދުވަސްވީ މީހުންނާއި، ހަކުރުބަލި، ކެންސަރު ބަލި، ކިޑްނީ، ލިވާ ނުވަތަ ފުއްޕާމޭ ފަދަ ގުނަވަންތަކުގެ ބަލިތައް ތަހައްމަލްކުރާ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ބާރު އަޅާފަ އެވެ.

ޑރ. ޝިހާމް ވިދާޅުވީ ވެކްސިންއާމެދު ބައެއް މީހުން ފަތުރާ ވާހަކަތަކުގެ ސަބަބުން ވެކްސިން ހެސިޓެންސީ އުޅޭކަން ފާހަގަވާ ކަމަށެވެ. އަދި އެފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތަކާ ހެދި ބަލި ޖެހިއްޖެނަމަ ހާލު ބޮޑުވެދާނެ ފަދަ މީހުން ވެކްސިން ޖެހުމަށް ދެކޮޅު ހަދާ ކަމަށް މިރޭ އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު އަޅުގަނޑުމެންނަށް އެބަ ފެނޭ އާމުންގެ ތެރޭގައި ބައެއް މީހުން ފަތުރާ ބައެއް ވާހަކަތަކުގެ ސަބަބުން ވެކްސިން ހެސިޓެންސީ އެބަ އަޅުގަނޑުމެންނަށް ފެނިގެންދޭ. ވަކިކަހަލަ ކަމެއް ވެދާނެތީއެއް ނޫން، ނަމަވެސް އޭތި އިފެކްޓިވް ނުވެދާނޭ ނުވަތަ މިވެނިކަމެއްވި ވާހަކަ ތިމަންނަ އަޑު އެހީމޭ، އެކަހަލަ ގޮތަކަށް ހަމަ އެއްވެސް އަސާސެއް ނެތް ވަރަށް ގިނަ ވާހަކަތަކާހެދި ހަމަ މިބަލި ޖެހިއްޖެނަމަ ވަރަށް ހާލުބޮޑުވެގެން ހިނގައިދާނެފަދަ ބައެއް މީހުން ވެސް އެބަހުރި ވެކްސިން ޖެހުމަށް ފަސްޖެހިފައި،" ޑރ. ޝިހާމް ވިދާޅުވި އެވެ.

ވެކްސިނާ މެދު ވާހަކަ ދައްކަމުން ޑރ. ޝިހާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުކުރެވިފައިވާ އެއްޗަކަށް މިވެކްސިން ވިޔަސް އެއީ ރައްކާތެރިކަމަށް ބަލަންޖެހޭ ހުރިހާ ކަންތައްތަކަކަށް ބެލުމަށްފަހު އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ އެއްޗެއް ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ ވެކްސިން ޖަހައިގެން މީހަކަށް އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއް އައިސްފިނަމަ ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ. އެހެންކަމުން، ޑޮކްޓަރު ވަނީ ހައިރިސްކް ކެޓަގަރީތަކުގެ ހުރިހާ މީހުން ކުރިއަށް ވަޑައިގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވެކްސިން ޖެހުމަކީ ބަލިން ފުރިހަމައަށް ރައްކާތެރިވުން ނޫންކަން ޑޮކްޓަރ ވަނީ ހަނދާންކޮށްދީފަ އެވެ. ނަމަވެސް ވެކްސިން ޖަހާ ފަހުން ބަލިޖެހިއްޖެ ނަމަ، ބަލީގައި ބޮޑުވަރުވުމުން 100 ޕަސެންޓާ ގާތްކުރާ ވަރަކަށް ރައްކާތެރިކޮށްދޭނެ ކަމަށް ޑރ. ޝިހާމް ވިދާޅުވި އެވެ.

ޑރ. ޝިހާމް ވިދާޅުވީ ވެކްސިން ޖެހި ކަމުގައިވިޔަސް އެހެން މީހުންގެ ކިބައިން ބަލިއެރުމުގެ ކުޑަ ފުރުސަތެއް އޮންނާނެ ކަމަށެވެ. އެހެންކަމުން، ހައިރިސްކް މީހުންނާއި ހައިރިސްކް މީހުންނަށް ހުށަހެޅޭ މީހުން ވެސް ބަލިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އެޅުމަށް އިލްތިމާސްކުރެއްވި އެވެ.