ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ސޯނޫ ސޫދުގެ ފަރާތުން 17 ކްރޯޑް ރުޕީސްގެ އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.

ސޯނޫ ސޫދު އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިންޑިއާގެ ޖައިޕޫރުގެ 22 މަހުގެ ކުޑަ ކުއްޖަކަށެވެ. އެ ކުޑަ ކުއްޖާ އަންނަނީ ސްޕައިނަލް މަސްކިއުލާ އެޓްރޮޕީ (އެސްއެމްއޭ)އަށް ފަރުވާ ހޯދަމުންނެވެ.

އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި 17 ކްރޯޑް ރުޕީސްއަށް ލިބޭ އިންޖެކްޝަނެއް ޖަހަން ޖެހެ އެވެ.

މިކަމަށް ސޯނޫ ސޫދު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ސޯނޫ ސޫދު ވަނީ އެތަކެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ދުވަސްވަރު ސޯނޫ ސޫދު އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް މަޝްހޫރު ވެގެންދިޔަ އެވެ. އަދި ސޯނޫގެ މަސައްކަތްތަކަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ އެވެ.

މީގެ އިތުރުން ސޯނޫ ސޫދު ވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ހޮސްޕިޓަލް އެނދާއި، އޮކްސިޖަން ސާމާނާއި، ކޮންމެހެން ބޭނުންވާ ބޭސްތައް ހަމަޖައްސައިދީފަ އެވެ. އަދި ފްރަންޓްލައިން މަސައްކަތްތެރިންނަށް ޕީޕީއީ ކިޓާއި ސޭފްޓީ ގިއާ ވެސް ފޯރުކޮށްދިނެވެ. މީގެ އިތުރުން ގަވާއިދުން ސްކޮލަޝިޕް ދިނުމުގައި ދަތިތަކެއް ހުރި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ރަނގަޅު ފުރުސަތުތައް ލިބޭނެ ގޮތް ހަދައިދިނެވެ.

ބޮލީވުޑް ފިލްމު "ސަމްރާތު ޕްރިތުވީރާޖް"ގެ ރޯލަކުން ބެލުންތެރިންނަށް އެންމެ ފަހުން ފެނުނު އެކްޓަރު އަންނަނީ ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުންނަ ފިލްމު "ފަތޭހް"ގެ މަސައްކަތް ކުރަމުންނެވެ. ޒީސްޓޫޑިއޯއާއި ގުޅިގެން ގެނެސްދޭ މި ފިލްމުގެ ލީޑް ރޯލްއިން ސޯނޫ ފެންނާނެއިރު މި ފިލްމު މި އަހަރު ތެރޭ ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފަ އެވެ. ނަމަވެސް، ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެ އެވެ.