އިންޑިއާގެ މުމްބާއީއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ތޫފާނެއްގައި ބިލްބޯޑެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އަރްޔަންގެ އާއިލާގެ ދެ މީހަކު ހިމެނެ އެވެ.
މިހާދިސާގައި 16 މީހަކު ވަނީ މަރުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުން ތެރޭގައި އެކްޓަރު ކާތިކްގެ ބޮޑުބޭބެ އާއި އޭނާގެ އަންހެނުން ހިމެނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ހަށިގަނޑު ފެނިފައި ވަނީ މިހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.
މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެމަފިރިން މުމްބާއީއަށް ދިޔައީ އެމެރިކާގައި ދިރިއުޅޭ އެމީހުންގެ ދަރިފުޅު ކައިރިއަށް ދިޔުމަށްޓަކައި ވިސާ ޖެހުމަށެވެ. އަދި އެކަން ނިންމާލުމަށްފަހު އެނބުރި އައި މަގުމަތީގައި ޕެޓްރޯލް އަޅަން މަޑުކުރިތަނާ އެތަނުގެ ކުރިމަތީގައި ހުރި ބިލްބޯޑު ވެއްޓި އެތަނުގައި އެ މީހުން ތާށިވީ އެވެ.
އެ ދެމެފިރިންގެ ހަބަރެއް ނުވެގެން އެމީހުންގެ ދަރިފުޅު މުމްބާއީގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެމީހުން ހަށިގަނޑު ފެނިފައިވަނީ ބިލްބޯޑް ވެއްޓުނު ޕެޓްރޯލް ޝެޑްގެ ތެރެއިންނެވެ.
މިހާދިސާ އާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ އީގޯ މީޑިއާގެ ވެރިފަރާތާއި އެ ކަމުގައި ޝާމިލުވާ އެހެން ފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އެވެ.