ފުލުހުންތަކަކަށް ވަޅިން ބިރުދެއްކި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރު ދައްކާފައި ވަނީ ރޭ 10:00 ހާއިރު ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ތިން މީހުންނަކީ ވެސް ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

މި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި މައްސަލައިގައި މީހުން ހައްޔަރުކުރުމުގައި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ޝަކުވާތައް ލިބިފައިވާ ކަމަށާއި އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.