ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް އާއިލާއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބީޗް ފްރަންޓުން ގަތް ފަސް ގޯއްޗަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އަތުލި މައްސަލަ، ސުޕްރީމް ކޯޓުން ނާކާމިޔާބުވުން އެ ގޯތިތައް ގާނޫނީ ގޮތުން އަނބުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބިއްޖެ އެވެ.

އެޗްޑީސީން އެއްބަސްވުން ބާތިލުކޮށް އަތުލި ގޯތިތަކުގެ ތެރޭގައި އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ގެ އަނބިކަނބަލުން ޝަމްއޫނާ އަބްދުﷲ އަލީގެ ގޯއްޗެއް ވެސް ހިމެނެ އެވެ. ޝަމްއޫނާ އާއި އަލީ ޝިޔާމަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.

އެ ފަސް ގޯތި ވިއްކުމުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރިއިރު ކޮންމެ ގޯއްޗަކުން 3،040،870.13 ރުފިޔާ އެ ކުންފުންޏަށް ދައްކަން އޮތެވެ. އަދި އެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން އެ ގޯތިތަކަށް ނުދައްކާ ހުރި ޖުމްލަ 15.2 މިލިއަން ރުފިޔާ ދައްކަން އެކި ފަހަރު މަތިން އެޗްޑީސީން އެ ފުރުސަތު އެ މީހުންނަށް ދިން ކަމަށްވެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ވިއްކި ފަސް ގޯތި ގަނެފައި ވަނީ މިނިސްޓަރު އަލީ ޝިޔާމްގެ ކޮއްކޮމެން ކަމަށްވާ ސ. މަރަދޫފޭދޫ، އަލަނާސިގެ، ސަމްޝުލްމުނާ އާއި މ. ތްރީއޭ ވިލާ، މޫސާ ޝިޔާމް އަބްދުﷲ އަލީ އާއި ޝަމްއޫނާ އަބްދުﷲ އަލީ އާއި ހުސެއިން ޝިޔާމާއި އިބްރާހިމް ޖިހާދެވެ.

އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ގެ އަނބިކަނބަލުންނާއި އާއިލާގެ މީހުން ހުޅުމާލެއިން ގަތް ގޯތިތައް. ފޮޓޯ: އެޗްޑީސީ. ފޮޓޯ| ހުރިހާ

ބީލަމަށް ލައިގެން ވަކިވަކިން ވިއްކި އެ ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 27، 2007ގަ އެވެ.

އެޗްޑީސީން ވިއްކި ގޯތިތަކުގެ އެގްރިމަންޓްތައް ބާތިލުކުރުމުން އެ މައްސަލަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުންނާއި ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމީ އެޗްޑީސީއާ އެއްކޮޅަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރުމަށް އޭޕްރިލް 22، 2019ގައި ހުށަހެޅުމުން މާޗް 16، 2020ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނު ސުއޫދާއި އައިޝާ ޝުޖޫން މުހައްމަދު އަދި މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާ ބެންޗުގެ އިއްތިފާގުން ނިންމެވީ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރެވޭނެ ކަމަށް ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ފަދަ ސަބަބެއް އޮތް ކަމަށް އެއިން ވެސް އެއްވެސް މީހަކަށް ސުޕްރީމް ކޯޓަށް ދެއްކިފައިނުވާ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިތާ އަހަރެއް ވާން ކައިރި ވީއިރު ވެސް، އެ ގޯތިތަކުގައި ހަދާފައިވާ ކެފޭ އާއި އެހެނިހެން ތަންތަން ވިޔަފާރިކުރަން ބޭނުންކުރަމުން ގެންދެ އެވެ. އަދި އެޗްޑީސީން ބިން ވިއްކުމަށް ހަދާފައިވާ އުސޫލުން ބޭރުން، އެ ގޯތިތައް އަލުން ހޯދަން އެކި ފަހަރުމަތިން އެޗްޑީސީގެ މިހާރުގެ ބޯޑު މެދުވެރިކޮށް މަސައްކަތްކުރިކަން އެނގިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ އެ ފަސް ބިމުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، ބިންތައް އެ ކުންފުންޏަށް ހަވާލުކުރިތޯ އާއި ފަހުން އަމަލުކުރި ގޮތެއް ޖެހޭނީ ބަލައިލަން ކަމަށެވެ.