ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް ޓާބިއުލެންސް ނުވަތަ ވައިގެ ތެރޭގައި ބޯޓަށް ވަރުގަދަ ލޮޅުންތަކެއް އަރައި ހިނގި ހާދިސާއެއްގައި އެ މަތިންދާ ބޯޓުން ދަތުރު ކުރި އެކަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ފްލައިޓަކީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ހީތުރޫ އެއާޕޯޓުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރި ފްލައިޓެކެވެ. ބޮއިން މަރުކާގެ 777-300ER ފްލައިޓް އެސްކިއު321 އަށް މި ހާދިސާ ދިމާވުމާ އެކުގައި ތައިލެންޑްގެ ވެރިރަށް ބޭންކޮކް އެއާޕޯޓަށް މިހާރު ވަނީ ޑައިވާޓްކޮށްފަ އެވެ.
ސިންގަޕޫރު އެއާލައިންސް އިން ބުނީ ކުއްލި ހާލަތުގައި ބޯޓު ޖެއްސިއިރު، އޭގައި ދަތުރު ކުރި ބައެއް މީހުންނަށް އަނިޔާވެ، އެކަކު މަރުވެފައިވާ ކަމަށެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ހިތުގެ މައްސަލަ ހުންނަ އުމުރުން 73 އަހަރުގެ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. މި ހާދިސާގައި ޖުމްލަ 30 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު، ހަތް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ސިންގަޕޫރު އެއާލައިންސް އިން ބުނި ގޮތުގައި އެ މަތިންދާ ބޯޓުން ޖުމްލަ 211 ފަސެންޖަރުންނާއި 18 ކްރޫން ދަތުރު ކުރި އެވެ. މި ފްލައިޓަށް ޓާބިއުލާންސްގެ އަސަރު ކުރުމާ އެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަތިންދާ ބޯޓު 6،000 ފޫޓު ތިރިއަށް ދިޔަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެ އެއާލައިނުން ބުނީ މަތިންދާ ބޯޓުން ދަތުރު ކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރު ޓީމެއް ބެންކޮކަށް ފޮނުވައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެއާލައިނުން ބުނެފައިވެ އެވެ. އެއާލައިނުން ބުނި ގޮތުގައި މިކަމުގައި ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ލިބެ އެވެ.
އެ ފްލައިޓުން ދަތުރު ކުރީ އޮސްޓްރޭލިއާ، ކެނެޑާ، ޖަރުމަނު، އިންޑިއާ، އިންޑޮނޭޝިއާ، އައިސްލޭންޑް، އިސްރާއީލް، މެލޭޝިއާ، މިޔަންމާ، ނިއުޒިލެންޑް، ފިލިޕީންސް، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްޕެއިން، އިނގިރޭސި ވިލާތް އަދި އެމެރިކާގެ ފަސެންޖަރުންނެވެ.
ސިންގަޕޫރު އެއާލައިންސް އިން ވަނީ މަރުވި މީހާގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ.