އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް ފުލުހުންގެ އެހީގައި ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަށްރަށަށް ދަތުރުކުރާ ބޯޓުތައް މޫސުން ގޯސްވުމުގެ ސަބަބުން ނުފުރި ސްކޫލް ސާމާނު ފޮނުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކިޔެވުން ފަށަންވާއިރަށް ދަރިވަރުންނާއި ސްކޫލްތަކަށް ބޭނުންވާ ސާމާނު ނުފޮނުވިދާނެތީ ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އެކަމުގައި ފުލުހުންގެ އެހީތެރިކަން މިހާރު ލިބެން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ފުލުހުންގެ އެހީގައި ތަކެތި ފޮނުވަނީ މިހާތަނަށް ނުފޮނުވިވާ ރަށްތަކަށެވެ.

އެ މިނިސްޓްރީން ފުލުހުންގެ އެހީތެރިކަން ހޯދާފައިވަނީ މޫސުން ރަނގަޅުވުމުން ތަކެތި ފޮނުވުމަށް ލަސްކޮށްފިނަމަ، އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރަށް ބޭނުންވާ ފޮތްތަކާ ސާމާނު ރަށްތަކާ ހަމައަށް ނުފޯރަފާނެތީ ކަމަށެވެ.

މޫސުން ގޯސް ދުވަސްވަރު މިފަދަ އާއްމު ޚިދުމަތްތަކުގައި ފުލުހުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.