ދުނިޔޭގެ އިތުރު ހަތް ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމައި, އެކަން އިއުލާނު ކޮށްފައިވަނީ ނޯވޭއާއި, އަޔަލެންޑު، ސްޕެއިން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާބޭޑޯސް އެވެ.

މި ގައުމުތަކުގެ ނިންމުމަށް މަރުޙަބާ ކިޔައި ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދުނިޔޭގެ ދެން ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފަ އެވެ.

އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން މިހާތަނަށް 143 ގައުމަކުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 35,709 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 79,990އަށް އުފުލިފަ އެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމަށެވެ.