ހަތަރު މަހުގެ ކުއްޖެއްގެ ބުއްފުޅިއަށް އެކުއްޖާގެ މާމައަށް އެޅުނު އެއްޗެއްގެ ސަބަބުން އެކުއްޖާއަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އިޓަލީގައި ދާދިފަހުން މިކަން ދިމާވީ އާދައިގެން މަތިން މާމައާއެކު އެ ކުއްޖާ ވަގުތު ހޭދަކުރަން ހަވާލު ކުރި ދުވަހެއްގަ އެވެ. އެ ކުއްޖާ ބަނޑުހައިވުމުން އެ މާމަ، ބުއްފުޅި ހެދުމަށް ހިކިކިރު އެޅުމަށްފަހު ފެން އެޅުމަށްޓަކައި މޭޒުމަތީހުރި ފެންހެން ހީވާ ފުޅިއެއް ބުއްފުޅީގެ ތެރެއަށް އަޅާ އެއްކޮށްލުމަށް ފަހު ރަނގަޅަށް ހަލުވާލައި އެއްކޮށްލި އެވެ. އަދި އެކުއްޖާގެ އަނގާގައި ޖެއްސި އެވެ. ފުޅީގެ ދެބައިކުޅަ އެއްބައި ބުއިމަށްފަހު އެކުއްޖާގެ ހަރަކާތް އާދަޔާ ޚިލާފު ގޮތަކަށް ހުރުމުން، އެ މާމަ ބުއްފުޅިއަށް އެޅުނު އެއްޗަކާ ދޭތެރޭ ޝައްކު އުފެދުނެވެ. އަދި ދެވަނަ ފަހަރަށް ޗެކްކޮށްލިއިރު ކަމަކުދާކަށް ނެތެވެ.

ފެނުގެ ބަދަލުގައި އެޅުނީ ފެންކުލައިގަ ހުރި މަސްތުވާޒާތުގެ ކެމިކަލް ހުރި ފުޅިއެކެވެ. ވަގުތުން އެކުއްޖާގެ މަންމައަށް ގުޅައިންގެން އިޓަލީގެ ޕެރިންނޯ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފެށި އެވެ. އަދި ސިއްޚީ ފަރުވާދޭ ޚާއްސަ ޓީމަކުން ވަރަށް ރަނގަޅަށް އެކުއްޖާގެ ކަންކަން ގާތުން މޮނިޓާ ކުރަން ފެށި އެވެ. މިހާރު އެކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

މި ހިތާމަވެރި ހާދިސާ އިން އަންގައިދެނީ، ކުޑަކުދިން ގެންގުޅޭ މާހައުލުތަކުގަ ހުންނަ ގޮތް ނޭނގޭ އެއްޗެހި ބޭނުންކުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު ކަމެވެ.

ކުޑަކުދިން ކުޅެއުޅޭ މާހައުލުގައި ހުންނަ ތޫނު އެއްޗެއްސާއި ހަލާކުވެފައި ހުންނަ ކުޅޭއެއްޗެހި އުކާލުން ނުވަތަ އަތްނުލެވޭ ގޮތަށް ފޮރުވުމަކީ ވެސް އެހާ މުހިންމު ކަމެކެވެ.