ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައި ބުނާ މުއްދަތުގައި 48 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހުގެ ރޭ ދެންވަރު 12:00 އަށެވެ. މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރި އެވެ. މާލީ ބަޔާން ހުށަހަޅަން ދިން މުހުލަތުގެ ތެރޭގައި ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ހުރިހާ ހަރަދެއް ހިމެނޭ ބަޔާން ގާނޫނުގައި ބުނާ މުއްދަތަށް ހުށަނާޅައިފި ނަމަ ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 70،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު އިތުރަށް ވިދާޅުވީ މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓަކު ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަން ޖެހޭނެ އެވެ. އަދި އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭ ގޮތަށް އެ ހަރަދުތަކުގެ ތަފްސީލު ވެސް ހުށައަޅަން ޖެހޭނެ އެވެ.

ޖުމްލަ 93 މެންބަރުން ހިމެނޭ އާ މަޖިލިސް އަންނަ އަންގާރަ ދުވަހު ހުވާކުރާނެ އެވެ. އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ހޯދައިފަ އެވެ.