މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މާދަމާ ފަށަން ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށާއިރު، އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިވެޓް ނުވަތަ އަމިއްލަ ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށެވެ. އޭގެ ތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނީ މާލޭ ސަރަޙައްދުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް 2,081 ދަރިވަރުން ވެއްދުމަށް ހުށައަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1,126 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލުވެފައިވާ އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ މޫސޫމީ ގޮންޖެހުންތަކާއެކު އަތޮޅުތެރޭގެ ސްކޫލްތަކަށް ފޮތްތައް ފޮނުވުމަށް ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފެށޭ ވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ހޯމަ ދުވަހާ ހިސާބަށް ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މުދައްރިސުން ލިބުމުގެ ދަތިކަން. މިއަހަރު ވެސް ބަލާއިރު އަޅުގަނޑުމެންނަށް ކޮލްޖެތަކުން ލިބިފައި މިވަނީ ފަންސާހަކަށް ދިވެހި މުދައްރިސުން. އެއީ މިފަދަ ސިސްޓަމެއް ދެމެހެއްޓުމަށް ބޭނުންވާ އަދަދަށް ވުރެ މާ ބޮޑަށްވެސް މަދު އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު ވެސް ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.