މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށި އިރު، އޭގެ ތެރޭގައި 40,300 އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެ އެވެ.

ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާ އިރު، އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިވެޓް ނުވަތަ އަމިއްލަ ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށެވެ. އޭގެ ތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނީ މާލޭ ސަރަޙައްދުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް 2,081 ދަރިވަރުން ވެއްދުމަށް ހުށައަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1,126 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލުވެފައިވާ އެ މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން އަނެއްކާ ވެސް ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.