ރ. އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް ކަރަންޓް ދަތުރުކޮށް އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މިދުވަސްވަރު ވިއްސާރަވެ މޫސުން ގޯސްވެ އުނގޫފާރަށް ވެސް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ހެދުނެވެ. އޭގެ ތެރެއިން ފެންގަނޑަކަށް ކަރަންޓް އައީ އެތަނުގައި ހުރި ހޮޅިދަނޑިއަކަށް ގުޅާފައި ހުރި ކޭބަލަކުން ކަރަންޓު ލީކުވެގެންނެވެ. އޭރު އެ ފެންގަނޑުގައި ދެ ކުއްޖަކު ކުޅެން އުޅުނެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތް ކުރަން އުޅުނު ހުސެން އަތީކަށް އެ މަންޒަރު ފެނިގެން އަނބުރާ ގަނެގެން ވެއްޓުނީ އެވެ. އެ ކުއްޖާ ކަރަންޓުގައި ޖެހުނު ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

އުމުރުން 18 އަހަރުގެ މި ކުއްޖާ އަކީ އޯޓިސްޓިކް ކުއްޖެކެވެ. މި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދިޔަ ނަމަވެސް ހާލަތުު ގޯސްވަމުން އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެނައީ ސީއެމްބިއުލާންސްގަ އެވެ.

އެ ރަށުން ބުނީ ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.