މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އޭނާގެ ފިރިމީހާ ކަންޔޭ ވެސްޓް ކައިރިން ވަރިވާން ފޯމު ލައިފި އެވެ.

އެ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ ހަތް އަހަރުވެފައިވާ އިރު މި ފާއިތުވެދިޔަ ދުވަސްތަކުގައި ދެމީހުން ވަރިވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ލޮސް އެންޖެލަސްގެ ސުޕީރިއާ ކޯޓާއި ކިމް ތަމްސީލުކުރާ ފަރާތުން ވަނީ ވަރިއަށް އެދި ފޯމުލާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ކިމް ވަރިވާ ސަބަބެއް މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ކިމް ހުށައަޅާފައިވަނީ ދަރިންގެ ޖޮއިންޓް ކަސްޓަޑީ އަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް ކަންޔޭ ވެސްޓުގެ ފަރާތުން ބަހެއް ލިބިފައެއް ނުވެ އެވެ.

ކިމް އާއި ކަންޔޭ ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.

މި ދެ މީހުންގެ ގުޅުމަށް ބޮޑަށް ބުރޫ އަރާފައިވަނީ ބައިޕޯލާ ޑިސްއޯޑާ ހުންނަ ކަންޔޭ، އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވުމަށް ކުރި ނާކާމިޔާބު ކެމްޕެއިނާއެކު އެވެ.

އެ ދުވަސްވަރު ކަންޔޭ ވަނީ ކިމް ވަރިކުރަން އުޅޭތާ އެތައް މަހެއް ވެފައިވާ ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ.

އޭނާ ވަނީ ފަހުން އެ ޓުވީޓް ޑިލީޓްކޮށްފަ އެވެ.

މި ޓުވީޓާ ގުޅިގެން ކިމް ނެރުނު ބަޔާނެއްގައި ކަންޔޭ އަކީ ނަފްސާނީ ބަލިމަޑުކަން ހުންނަ މީހެއް ކަމަށް ބުނެފައިވެ އެވެ.