މާދަމާ ހުވާކުރާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިހާބުކޮށްފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާއަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައިވާ މެންބަރު ނާޒިލް ވަނީ އިންތިހާބު ކޮށްފައިވާ ކަމަށެވެ. 12 މެންބަރުންނާއެކު އެމްޑީޕީއަކީ 20 ވަނަ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށްވާއިރު، ނާޒިލް ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށް ވެސްމެ އެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކޮށްފައިވާ ކަމަށްވެސް އެޕާޓީން ބުނެ އެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ.

ޕީޖީ ގުރޫޕުގެ އެހެން މަގާމުތަކަށް ހަމަޖެއްސީ:

  • ސެކްރެޓަރީ ޖެނެރަލް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު
  • ޗީފް ވިޕް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެން ސަމީރު
  • ވިޕް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު

މާދަމާ މަސައްކަތް ފަށާ 20 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމް ގެ ތެރެއިން

މި މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައި ވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން މަޖިލީހުގައި ތިއްބަވާނެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.