ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކަށް ފޮނަދޫ ދާއިރާ އަށް އިންތިޚާބުކުރި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު އިންތިޚާބުކޮށްފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ހުށަހެޅުއްވި އަދުރޭ އަށް، ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސަކު ހޮވުމަށް ނެގި ވޯޓުގައި ލިބިވަޑައިގަތީ 71 ވޯޓެވެ. އެމްޑީޕީން މަޖިލީހުގެ ރައީސްގެ މަގާމަށް ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް 14 ވޯޓު ލިބިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ރައީސްގެ ވޯޓުގެ ނަތީޖާ

  • އަބްދުއްރަހީމް އަބްދުﷲ - 71 ވޯޓު
  • އިބްރާހިމް ނާޒިލް - 14 ވޯޓު
  • ބާތިލް - 7 ވޯޓު

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ގޮތުގައި މިހާރު 75 މެންބަރުން ތިއްބަވަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި އެމްޑީޕީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ފަރާތުން ވެލިދޫ ދާއިރާ އަށް ހޮވުނު މުހައްމަދު އައްބާސްގެ ވެސް ތާއީދު އޮތީ ޕީއެންސީއަށެވެ. އެހެންވެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެންބަރުންނާއި މިނިވަން ދެ މެންބަރުން ފިޔަވައި މަޖިލީގުގައި ޕީއެންސީގެ ތާއީދު 79 އަށް އަރަ އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ސިޔާމް ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެހެން ވިޔަސް އަދުރޭ އަށް 71 ވޯޓު ލިބިވަޑައިގަތުމުގެ މާނައަކީ ޕާޓީގެ ތެރޭން ކޮންމެވެސް ބަޔަކު އޭނާ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ނުރެހުރޭ ކަމެވެ. ފަހަރެއްގައި އަދުރޭ އަށް ނުރުހޭ މީހުންގެ ވޯޓު "ބާތިލްވީ" ކަމަށް ވެސް ވެދާނެ އެވެ.

ނާޒިލަށް 14 ވޯޓު ލިބިވަޑައިގަތުމުން ދޭހަވަނީ ޕާޓީގެ ބޭރުން އޭނާ އަށް އިތުރު ދެ މެންބަރަކު ތާއީދުކުރިކަމެވެ.

ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އެންއެންޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުން ވެސް އެއް ކަމެއް ސާފުވެ އެވެ. ޕާޓީ އަށް ތާއީދުކުރާ މެންބަރުންގެ ފުރިހަމަ ތާއީދު އަދުރޭ އަށް ނެތްކަމެވެ. ނައިބް ހޮވުމަށް ނެގި ވޯޓުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް 80 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެހެންކަމުން ބެލެވެނީ އެއީ ޕީއެންސީ އާއި އެ ޕާޓީ އަށް ތާއީދުކުރާ މެންބަރުންގެ އިތުރުން މިނިވަން މެންބަރުންގެ ވޯޓު ވެސް ނާޒިމަށް ލިބުނީ ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ސިޔާމްގެ ވޯޓު ނުހިމަނަ އެވެ. އެމްޑީޕީން ނައިބް ރައީސް ކަމަށް ހުށަހެޅި އަހުމަދު ދީދީ އަށް 12 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެހެންކަމުން އެމްޕީޑީގެ ހުރިހާ މެންބަރުން އޭނާ އަށް ވޯޓު ދެއްވި ކަމަށް ބެލެވެ އެވެ. ބާތިލް ވޯޓެއް ނެތެވެ. ވޯޓު ދެއްވި ޖުމުލަ މެންބަރުންގެ އަދަދަކީ 92 އެވެ.