މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާކުރާނެ މުހިންމު މަސްއޫލިއްޔަތުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަލަށް އިންތިހާބުވި އަބްދުއްރަހީމް އަބްދުﷲ ވިދަޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް ވިދާޅުވީ އާ މަޖިލިސް އެކުލެވިގެންދަނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވީ މުހިންމު އާ ސިޔާސަތުތަކާއެކުގައި އިންގިލާބީ ބޮޑު ބަދަލެއް ރާއްޖެއަށް ގެނައުމުގެ ވިސްނުންފުޅުގައި ކަމަށެވެ. އެހެންކަމުން، މި މަޖިލިސް ވާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާ ފިޔަވަޅު ހަމަކޮށް ހިނގަންވާނެ މަޖިލީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ އަސާސްތައް ފުޅާކުރުން، އައު މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުން. ފައިސާއާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން. ޢުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފުކުރަމުން ގެންދިއުން. ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އައުކުރުން. މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން. ނުގަވައިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން. ގާނޫނީ ވެރިކަން ހިފެހެއްޓުން. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން. މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ އަސާސްތައް ފުޅާކުރުން، އައު މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުން. ފައިސާއާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން. ޢުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފުކުރަމުން ގެންދިއުން. ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އައުކުރުން. މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން. ނުގަވައިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން. ގާނޫނީ ވެރިކަން ހިފެހެއްޓުން. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން. މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން،
އަބްދުއްރަޙީމް

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާ ކުރަންޖެހޭ މުހިއްމު މަސްއޫލިއްޔަތުތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއެކު މަސައްކަތްކޮށްގެން މިކަންކަމުގައި ގޮތް ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން، އައު ގާނޫނުތައް ތައާރަފުކޮށް މިހާރު ހުރި ޤާނޫނުތައް ބަލައި ހައްލުކުރުމާއި ޒަމާނާ ނުގުޅޭ ޤާނޫނުތައް އުވާލަން ޖެހޭކަން އަބްދުއްރީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ހިނގާ ބަހުސްތަކާއި ކުރެވޭ މަސައްކަތްތަކުގައި ތަފާތު ޚިޔާލުތަކާއި، ތަފާތު ފިކުރުތަކާއި ނަޒަރިއްޔާތަށް ޖާގަ އޮންނަންވާނެކަން ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް އެކަންކަން އޮންނަންވާނީ މަޖިލީހުގެ ކަރާމާތާއި ޤަދަރު ހިފަހެއްޓޭ ގޮތަށް، މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުތަކުގެ ތެރޭގައި، މަޖިލީހުގެ ގަދަރާއި އިހުތިރާމު އުފުލިގެންދާނެ ގޮތަކަށް ކަމަށެވެ. އަދި މަޖިލީހުގައި މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ހިތާއި ރޫހުން އެ މަސައްކަތްތައް ބަލައިގަންނާނެ ފެންވަރަކަށް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.