ބޮލީވުޑްގެ ތަރި އިމްރާން ޚާންއާއި އޭނާގެ އަންހެނުން އަވަންތިކާ މާލިކްގެ ކައިވެނި ރޫޅުނުތާ އަހަރުތަކެއް ވެފައިވީ ނަމަވެސް އެ ދެމީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް ސޯޝަލް މީޑިއާއާއި އާއްމު އެއްވުންތަކުގައި އިމްރާން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ކައިވެނި ރޫޅުނު ސަބަބާ ބެހޭގޮތުން ސުވާލު ކުރެވުމުން އިމްރާން ވަނީ އެ ސަބަބު ކިޔައިދީފަ އެވެ.

އިމްރާން ބުނީ އެ ދުވަސްވަރު އޭނާގެ ނަފްސާނީ ސިއްހަތު ރަނގަޅު ނޫން ކަމަށާއި ކައިވެނިން އޭނާއަށް ލިބެމުން ދިޔައީ އިތުރު ހާސްކަމާއި "ސްޓްރެސް" ކަމަށެވެ.

އެއާއެކު އިމްރާން ވަނީ އޭނާ ތަޖުރިބާ ކުރަމުން ދިޔަ ކަންކަމަށް އަވަންތިކާގެ ފަރާތުން އެހީތެރިކަން ނުލިބޭ ކަމަށްވެސް ނުސީދާ ގޮތެއްގައި ބުނެފަ އެވެ.

ދެހާސް އެގާރަވަނަ އަހަރު ކައިވެނިކުރި އިމްރާންއާއި އަވަންތިކާގެ ކައިވެނި ރޫޅި ދެމީހުން ވަރިވެފައިވަނީ ކައިވެނީގެ 8 އަހަރު ފަހުން 2019 ވަނަ އަހަރު އެވެ.