ކަރައަކީ ދިވެހިންނަށް ވެސް ވަރަށް ކަމުދާ މޭވާ އެކެވެ. ހާއްސަކޮށް ރޯދަމަހު ދިވެހިންގެ ސުފުރާތައް ފަޅުފިލުވައިދޭ މައިގަނޑު އެކައްޗަކީ ކަރަ އެވެ.

ކަރައަކީ ދިވެހި ރާއްޖޭގައި އާއްމުކޮށް ހައްދާ ބާވަތެއް ނަމަވެސް މާރުކޭޓު ފިޔަވައި މާލޭގެ އާއްމު ފިހާރަތަކުން ވިއްކާ ކަރައަކީ ގިނަ ފަހަރަށް ބޭރު ގައުމުތަކުން އެތެރެ ކުރެވޭ ކަރަ އެވެ.

މިގޮތަށް އެތެރެ ކުރާ ބައެއް ކަރައަކީ އޭގެ އަސްލު ރަހަ އާއި ކުލައަށް ބަދަލު ގެނެވިފައިވާ ތަކެއްޗެވެ. އެގޮތުން ކަރާގެ ކުލަ އާއި ރަހަ ރަނގަޅު ކުރުމަށްޓަކައި ރަތްކުލަ އާއި ހަކުރު ކަރާތަކަށް "އިންޖެކްޓް" ކުރެވެ އެވެ.

އެހެން ކަމުން މިފަދަ ކަރާ ކެއުމުގެ ކުރިން އެއީ ކާން ރައްކާތެރި އެއްޗެއްތޯ ބެލުން މުހިއްމެވެ. ނޫންނަމަ ބަލިތަކަށް ހުށަައެޅުމުގެ ފުރުސަތު ބޮޑެވެ.

ކަރައަކަށް އާޓިފިޝަލް ކުލަ އަޅާފައިވޭތޯ ބަލާލަން ވަރަށް ފަސޭހަ އުކުޅެއް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ކަރާ ދެފަޅިއަށް ފަޅާލުމަށް ފަހު ޓިޝޫއަކުން އޭގެ މަތީގައި ކާއްތާލާށެވެ.

އާޓިފިޝަލް ކުލަ އެއްކޮށްފައިވާ ނަމަ ޓިޝޫއަށް އެ ކުލަ ފޭދޭނެ އެވެ. ނުފޭދޭނަމަ އެއީ އެއްވެސް ކަހަލަ ބަދަލެއް ގެނެވިފައިނުވާ ގުދުރަތީ ކަރައެކެވެ.