ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގައި ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ޖަލްސާ އިއްޔެ ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ ދެން މަޖިލިހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބު ކުރުމަށް ފަހުގައި އިއްޔެގެ ޖަލްސާގައި ވަނީ ވަރަށް މުހިންމު ދެ ނިންމުމެއް ނިންމައިފަ އެވެ.

އެއް ނިންމުމަކީ އާ މަޖިލީހުގެ ގަވައިދު އެކުލަވާލައި ނިމެންދެން 19 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އާ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް އާންމު ކޮމެޓީއާ ހަވާލުކޮށްގެން އަންނަ މަހުގެ 26ގެ ނިޔަލަށް އެކުލަވާލައި ތަޅުމަށް ހުށަހަޅަން ޖެހޭނެ އެވެ.

ދެވަނަ ނިންމުމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމިޓީ) ފިޔަވާ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާާ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މެމްބަރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށެވެ. މަޖިލިހުގެ 241 ކޮމިޓީގައި 13 މެމްބަރުން ތިބޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން، މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ހަމަޖެއްސުމަށް ބޭނުންވާ މެމްބަރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ އެވެ.