މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހިއްކަން ފެށި ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

"ރަސްމާލެ"ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ މިދިޔަ 18 ޑިސެމްބަރުގަ އެވެ.

އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އިތުރު ފުރުސަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާ ނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، 8 މަސް ތެރޭ ބިން ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަލުން އެ މަޝްރޫއު އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންނަށް މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކައި ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފުސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއުގެ ހަރަދުތައް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި ޖެހުމުން ވެސް އޭރު ރައްޔިތުންގެ މަޖިލިހުގައި އޮތް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތުގެ ބޭނުން ހިފައި ކަނޑާލާފައި އޮތުމެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން އޮތީ ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފުސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.