ބޮލީވުޑްގެ އެކްޓަރު އަދި މަޖިލިސް މެމްބަރު ސަނީ ޑިއޯލްއަކީ މަކަރާއި ހީލަތުން ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ތަރިއެއް ކަމަށް ތުހުމަތު ކޮށްފި އެވެ.

ސަންޑޯން އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޑިއުސަރު ސޯރަވް ގުޕްތާ މި ހަފްތާގައި ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމެއް ހަދަން ކަމަށް ބުނެ 2016 ވަނަ އަހަރު ސަނީ އޭނާގެ އަތުން ފައިސާތަކެއް ނެގި ކަމަށެވެ.

އެހެން ނަމަވެސް "ގަދަރް 2" އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އެ ފިލްމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެ ފައިސާ ވެސް އަނބުރާ ނުދޭ ކަމަށް ސޯރަވް ބުންޏެވެ.

އެއާއެކު 2023 ވަނަ އަހަރު އޭނާގެ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމަކަށް މަކަރާއި ހީލަތުން އުނި އިތުރު ގެނެސްފައިވާ ކަމަށް ވެސް ސޯރަވް ތުހުމަތު ކުރެ އެވެ.

ސަނީ އަށް ކުރެވުނު މި ތުހުމަތުތަކަށް މިހާތަނަށް އޭނާ އެއްވެސް ރައްދެއް ދީފައި ނުވާއިރު މީޑިއާތަކުން އޭނާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ދުވަސްތަކެއް ވަންދެން ބޮލީވުޑްއާ ދުރުގައި ހުރުމަށްފަހު ސަނީ ފެނިގެންދިޔަ ފިލްމު "ގަދަރް 2" ވެގެން ގޮސްފައިވަނީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.