ފޮޓޯއަކީ އެއް އިރެއްގައި ކަމެއް ހިނގިކަން އަންގައިދޭ އަލިގަދަ ހެއްކެކެވެ. މީހުންގެ އިހްސާސްތަކާ ކުޅެލާ ބާރުގަދަ ހަތިޔާރެކެވެ. އެއީ ކުރެހުމުގެ ބާވަތެކެވެ. މުއާސަލާތްކުރުމުގެ ވަސީލަތެއް ވެސް މެ އެވެ. ހޯދުންތަކުން ދައްކާގޮތުގައި ފޮޓޯނެގުމަކީ މާޒީގައި ހިނގާފައިވާ ކަމެއްގެ ތަފްސީލް ހަނދާނުގައި ހަރުލާކަމެކެވެ.

ހ.އ. ބާރަށަށް އުފަން އެރަށު ފަޒާނައިޓް، މުހައްމަދު ނަޒީހް 25، އަކީ މޮޅު އާޓިސްޓެކެވެ. ގުދުރަތީގޮތުން ލިބިފައިވާ ހުނަރު ކުރިއަރުވަން ގަދައަޅާ މަސައްކަތްކުރާ މީހެކެވެ. ނަޒީހް ފޮޓޯނެގުމަށް ޝައުގުވެރިކަން އުފެދުނީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އޭނާގެ އަމިއްލަ ފޯނު ބޭނުންކޮށްގެން ނަގަން ފެށި ފޮޓޯތަކަކީ މިއަދު އޭނާ އަށް ލިބިފައިވާ ކުރިއެރުމުގެ ފެށުމެވެ.

ނަޒީހްގެ ފޮޓޯތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހޭ.

ފޮޓޯނެގުން ފެށުނުގޮތް ކިޔައިދެމުން ނަޒީހް ބުނި ގޮތުގައި ސްކޫލުގައި އުޅެމުން ލިބޭ ހުސްވަގުތުތަކުގައި އޭނާ ވަޒީފާއަކަށް ދިޔަ އެވެ. އެ ވަޒީފާއިން ލިބުނު ހުރިހާ ފައިސާއެއްކޮށްގެން ގަތީ އެ ފޯނެވެ.

"އެއީ ވަރަށް އާދައިގެ ފޯނެއް. އެފޯނުން ވަރަށް ފޮޓޯނަގަން އޭރު،" ނަޒީހު ކިޔައިދިނެވެ.

ފޯނު ލިބުމަށް ފަހު ފޮޓޯ ނެގުމަކީ އާދަކޮށް ކުރާ ކަމަކަށް ހެދި އެވެ. ކިތަންމެ ކޮލިޓީ ދަށް ނަމަވެސް އޭނާ ބެލީ މޮޅު ގޮތް ގޮތަށް ފޮޓޯ ނަގާ އެހުނަރު ކުރިއެވޭތޯ އެވެ. ފޮޓޯގްރެފީ ދަސްކުރީ އަމިއްލަ މަސައްކަތުންނެވެ. ޔޫޓިއުބް ބަލައިގެންނާއި އަދި ފޮޓޯގްރަފީގެ ފުންނާބު އުސް ފަރާތްތަކުގެ މަޝްވަރާ އާއި ލަފާހޯދަމުންނެވެ.

ބާރަށުގައި ބޭއްވި އީދު ކުޅިވަރުގައި ނަޒީހު އޭނާގެ އެކުވެރިންތަކަކާއެކު ފޮޓޯއަކަށް ހުއްޓިގެން.

އޭނާއަށް ނެގޭ ފޮޓޯގެ ފެންވަރުގެ ބަލާލުމަށް އެއްފަހަރަކު ސަލަފް ޖަމިއްޔާއިން ބޭއްވި އޮންލައިން ފޮޓޯ ކޮންޓެސްޓެއްގައި ބައިވެރިވެ އެމުބާރާތުގައި އޭނާ ބައިވެރިކުރި ފޮޓޯއަށް ދެވަނަ ލިބުމަކީ މިރޮނގުން ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އޭނާ ދެކެ އެވެ.

ފުރަތަމަ ކެމެރާއެއް ދިނީ ގާތް އެކުވެރިއެއް

ތިމާއަށް ހެޔޮއެދޭ، ހެޔޮލަފާ ރަހްމަތްތެރިންނަކީ ކަމެއްގައި ކުރިއަރައިދިއުމަށް ވަރަށް މުހިންމު ބައެކެވެ. އުމުރުން އެންމެ 19 އަހަރުގައި ފޮޓޯނެގުމުގެ ފަންނަށް ވަދެވުމުގައި އޭނާގެ ގާތް އެކުވެރިއެއްގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރެ އެވެ. އެންމެ ފުރަތަމަ ބޭނުންކުރި ކެމެރާ "ނިކޮން ކޫލްޕިކްސް ޕީ 100" ދިނީ ގާތްކޮށް އުޅުނު އެކުވެރިއެއް ކަމަށް ނަޒީހް ބުންޏެވެ.

ނަޒީހް ނަގާފައިވާ ބާރަށުގެ މަންޒަރެއް.

"އަޅުގަނޑަށް ވަރަށް ހޮޔޮއެދޭ ރަހުމަތްތެރިއެއް އެއީ. އަޅުގަނޑަށް ވަރަށް އެހީތެރިވޭ އަބަދުވެސް. އަދި އޭނާއަކީ ވެސް ފޮޓޯނެގުމަށް ޝައުގުވެރިކަން ހުންނަ މީހެއް. އެއްފަހަރަކު އޭނާގެ އަމިއްލަ ކެމެރާ އަޅުގަނޑަށް ދިން ފޮޓޯނަގާށޭ ކިޔާފައި،" ނަޒީހް ވަރަށް އުފަލާއެކު ފާހަގަކުރި އެވެ. އަލަށް ލިބުނު ކެމެރާއިން ނަގާފޮޓޯ ފޯނުން ނަގަމުން އައި ފޮޓޯތަކަށް ވުރެ ރީއްޗެވެ. ނަޒީހުގެ ފޮޓޯކެރިއާ ހަގީގަތުގައި ފެށުނީ މި ހިސާބުންންނެވެ.

ރަށުގެ ބޮޑެތި އިވެންޓްތަކުގެ ފޮޓޯނެގުމުގައި އިސްދައުރެއް އަދާކުރޭ

މީހުންނަށް އެހީތެރިވުމަކީ ނަޒީހުގެ ކަށީގައި ހިފާފައިވާ ވަރަށް ރަނގަޅު އާދައެކެވެ. ފުރަތަމަ ފޮޓޯނަގަން ފެށީއްސުރެ ވަރަށް ފަހަކާ ޖެހެންދެން މީހުންނަށް ފޮޓޯ ނަގައިދީ ހެދީ މުޅިން ވެސް ހިލޭސާބަހަށެވެ. ކުރާހިތުންނެވެ. އުޖޫރައަކަށް އެކަން ބަދަލުކޮށްލީ ވެސް ބަޔަކަށް އޭނާގެ ފޮޓޯތައް ފެނި އެކަމަށް އެދުމުންނެވެ.

"އަގަށް ފޮޓޯނަގަން ފެށީ ވަރަށް ފަހުން. ސްކޫލް، އާ ކައުންސިލުން ބިޑްލައިގެން އެ އުސޫލުން މިހާރު މަސައްކަތް ކުރަނީ. ބޮޑެތި އިވެންޓްތަކަށް މިހާރު ފޮޓޯނަގައިދެނީ އެގޮތަށް. ރަށުން ބޭރަށް ވެސް މިހާރު ދަން،" ނަޒީހް ކިޔައިދިނެވެ.

ރަށު ސްކޫލުގެ ޕްރައިޒްޑޭގެ ފޮޓޯނެގުމަކީ ނަޒީހު އަބަދުވެސް ވަރަށް ޝައުގުވެރި ކަމާއެކު ކުރާ ކަމެކެވެ. އެ މަސައްކަތް ހުޓާނުލާ ކުރާތާ މިހާރު 10 އަހަރުވެއްޖެ އެވެ. އޭގެ އިތުރުން ބާރަށު ކައުންސިލާއި ބާރަށު ޒުވާނުންގެ ދިރުމުން ބާއްވާ ގިނަ ހަރަކާތްތަކެއްގައި ވެސް ފޮޓޯނެގުމާ ހަވާލުވެ ހުންނަނީ ނަޒީހެވެ.

ނަޒީހް ނަގާފައިވާ ބާރަށު މަގުމަތީ މަންޒަރެއް.

މީގެ އިތުރުން ނަޒީހަކީ ބާރަށު އެލަޔަންސް ސްޕޯޓްސްކްލަބްގެ މީޑިއާ ކޯޑިނޭޓަރެވެ.

"މީޑިއާ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ގްރެފިކްސް ހެދުމާއި، ފޮޓޯނެގުން އަޅުގަނޑު ކުރާ މައިގަނޑު މަސައްކަތަކީ،" ނާޒީހު ކިޔައިދިނެވެ. ނަޒީހް ބައިވެރިވާ އިވެންޓްތައް ކަވަރު ކުރުމަށްޓަކައި އިތުރު މީހުން ބައިވެރިކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުން އިވެންޓްތަކަށް ފޮނުވުމުގެ ކުރިން އޭނާ ޓްރެއިނިން ދެ އެވެ. ބޭނުމަކީ ގިނަ ބަޔަކު މިކަމުގެ ތެރެއަށް ނެރުމެވެ.

އާދައިގެ މަތިން ނަގާ ފޮޓޯގެ އިތުރުން ޕާސްޕޯޓް ފޮޓޯ ނަގައިދިނުމަކީ ވެސް ނަޒީހް ދޭ ޚިދުމަތެކެވެ. މީހުން ބުނެފިއްޔާ "ޕާސްޕޯޓް ފޮޓޯ ވެސް ނަގައިދެން. ވަރަށް އަވަހަށް ބޭނުމިއްޔާ އެހުރި ތަނަކަށް ގޮސްގެން ވެސް އެކަން ކޮށްދެން،" ނަޒީހް ބުންޏެވެ.

ކިތަންމެ ފޮޓޯނަގަން ޝައުގުވެރި ވިކަމުގައިވިއަސް ފޮޓޯ ނެގުމަށް ވުރެ އޮފީހުގެ މަސައްކަތަށް އޭނާ އިސްކަންދެ އެވެ. ފޮޓޯގްރެފީއަކީ މުސްތަގުބަލެއް އޮތް މަސައްކަތެއް ކަމަށް އޭނާ ގަބޫލު ނުކުރާތީއެއް ނޫނެވެ. އެއީ ހަމައެކަނި ފޮޓޯނެގުމުގެ މަސައްކަތުން ރަށުގައި ރަނގަޅު އާމްދަނީއެއް ނުލިބޭނެތީ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ. ވީމާ ފޮޓޯ ޝޫޓިންގެ ގަޑިތައް އޭނާ ހަމަޖައްސަނީ އޮފީހުގެ ޑިއުޓީ ގަޑިއާ ދިމާނުވާނޭ ގޮތް ބަލައިގެންނެވެ. ފޮޓޯ ނަގާ އުޅެނީ ލިބޭ ހުސްވަގުތުތަކުގަ އެވެ.

މަސައްކަތުގައި ހުރިގޮންޖެހުން

ދެހާސް ސަތާރައިން ފެށިގެން މިއަދާ ހަމައަށް ނަޒީހް ނެގި ކޮންމެ ފޮޓޯއަކީ މީހުންގެ ތެރޭގައި މަގުބޫލު ފޮޓޯއެކެވެ. އެތައް ބައެއްގެ ތަރުހީބު ލިބިފައިވާ ފޮޓޯތަކެކެވެ. ނަމަވެސް ކޮންމެ މަސައްކަތެއްގައި ވެސް ގޮންޖެހުން ހުންނާނެ ފަދައިން ނަޒީހުގެ ފޮޓޯގްރަފީގައި ވެސް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަ ކުރެ އެވެ. އެގޮތުން ނަޒީހުގެ ބުރަ މަސައްކަތުން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ ހުއްދައާ ނުލައި ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާކަން އޭނާ ހިތާމަޔާއެކު ފާހަގަކުރެ އެވެ.

ނަޒީހް ނަގާފައިވާ ބާރަށުގެ މަންޒަރެއް.

"އެކަމުގެ ސަބަބުން އަޅުގަޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތައް މެދުވެރިވޭ. މޮޑެލްސް ބޭނުންކުރުމުގައި ދަތިތައް މީހާރު ދިމާވޭ،" އޭނާ ބުންޏެވެ.

ނަޒީހުގެ މަސައްކަތަށް ސަޕޯޓުދޭ ފަރާތްތައް ވަރަށް ގިނަ އެވެ. އޭނާގެ ގާތް އެކުވެރިންނެވެ، އާއިލާގެ މީހުންގެ ފަރާތުންނެވެ، އަދި އެންމެ ބޮޑުސަޕޯޓެއް ލިބެނީ އޭނާގެ އަންހެނުންގެ ފަރާތުން ކަން ފާހަގަކުރެ އެވެ.