ގާތްގަނޑަކަށް 27 އަހަރު ފަހުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް އާއި ކޮރިއަގްރާފަރު/ އެކްޓަރު ޕްރަބޫ ދޭވާ އެކީގައި ފެނިގެންދާ އެކްޝަން ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.

ތެލެގޫ ޑައިރެކްޓަރު ޗަރަން ޑައިރެކްޓް ކުރާ "މަހާރާގްނީ" އަކީ 1997 ގައި ނެރުނު ތަމަޅަ ފިލްމު މިންސާރާ ކަނަވޫ (ސަޕްޕޭ) އަށް 27 އަހަރު ފަހު ކާޖޮލް އާއި ޕްރަބޫދޭވާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

އިންޑިއާގެ ބާވެޖާ ސްޓޫޑިއޯސް އަދި އީސެވަން އެންޓަޓެއިންމަންޓްސް އިން އުފައްދާ "މަހަރަގްނީ "ގެ ޓީޒާއިން ކާޖޮލްގެ ތަފާތު އަދި މޮޅީ އެކްޝަންތަކެއް ފެނިގެންދެ އެވެ. މި ފިލްމުގައި ޕްރަބޫ ދޭވާ ވެސް ފެންނަނީ ވަރަށް ނުފޫޒުގަދަ އެހާމެ ބާރުހުރި މީހެއްގެ ގޮތުގަ އެވެ. ޕްރަބޫ ދޭވާއާއި ކާޖޮލްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން ދުވަސްވީ އެކްޓަރު ނަސީރުއްދީނު ޝާހު ވެސް ފެންނާނެ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިންގް ނިންމާލުމަށްފަހު ފުރަތަމަ ޓީޒާ އާއްމުކުރި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

https://www.youtube.com/watch?v=iSeQAOJXR30

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އެ ޕްލެޓްފޯމުން ގެނެސްދޭން ހަމަޖެހިފައިވާ "ދޯ ޕައްތީ" އިންނެވެ.