މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ރުހުން ނުދޭން ނިންމި ތިން ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ އަލުން 20 ވަނަ މަޖިލިހަށް ފޮނުވުމުން އެ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ނަވާރަ ވަނަ މަޖިލިހުގައި ރުހުން ލިބިވަޑައިނުގެން ތިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ލިބިވަޑައިނުގެން ތިން ވަޒީރުން އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. އަދި ރުހުން ހޯދުމަށް އަލުން ނަންފުޅުތައް މަޖިލީހަށް ފޮނުއްވައިފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅު މަޖިލިހަށް އިއްވަވައިފަ އެވެ. އަދި އެ ވަޒީރުންގެ ނަންތައް ކޮމިޓީ އަށް ފޮނުވަން ނިންމި ކަން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

ތިން ވަޒީރުންނަށް ރުހުން ދީފައިނުވިނަމަވެސް، އެ ތިން ވަޒީރުން އަދިވެސް ތިއްބެވީ މަގާމުގަ އެވެ. ގާނޫނުއަސާސީގައި އެ ބޭފުޅުން މަގާމުގައި ދެމިނުހުންނެވޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.