ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ ކުރިއަށް އޮތްތަނުގައި ކޮވިޑް ވެގެންދާނީ އާންމު ރޯގާއެއް ފަދަ ބައްޔަކަށް ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި އައިޖީއެމްޗްގެ ޕީޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ޖަހާ އުމުރުފުރައިގެ ގިނަބަޔަކު ވެކްސިން ޖަހައިފި ނަމަ ވަކި ހިސާބަކުން މިބަލި ވެގެންދާނީ އާންމު ރޯގާއެއް ފަދަ ބައްޔަކަށް ކަމަށެވެ.

"މިބަލިވާނީ ހަގީގަތުގައި ވަކި ހިސާބަކުން ހަމަ އާންމު ރޯގާއެއް ގޮތަށް އަސްލު ވެގެންދާނީ ގިނަބަޔަކު ވެކްސިން ޖަހައިފި ކަމަށް ވަންޏާ،" އޭނާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ވެކްސިންގެ އެންމެ ފުރިހަމަ ފައިދާ ފެނިގެންދާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ މައިގަނޑު އަމާޒަކީ ބަލީގައި ބޮޑުވަރުވެ، އެނދުމަތި ކުރަންޖެހޭ މީހުންނާއި، އައިސީޔޫ ނުވަތަ ވެންޓިލޭޓަރަށް ލާންޖެހޭ މީހުން މަދުކުރުމާއި އަދި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުން ކަމަށެވެ.

"ވެކްސިންގެ މައިގަނޑު ޓާގެޓަކީ ނުވަތަ އަމާޒަކީ އަސްލު ބަލީގަ ބޮޑުވަރުވާ މީހުން މަދުކުރުން... އޭގެ ތެރޭގަ ބަލީގަ ބޮޑުވަރުވެ އެނދުމަތި ކުރާ މީހުން މަދުކުރުމާ، އަދި އައިސީޔޫއަށް ލާ، ނޫނީ ވެންޓިލޭޓަރަށް ލާ މީހުން މަދުކުރުން. އޭގެ އިތުރުން އަދި ބަލީގަ ނިޔާވާ މީހުން މަދުކުރުން،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ އެއް އަމާޒަކީ ބަލިޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަރުވެ ދިޔަނުދިނުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، މުޖްތަމައުގައި ގިނަ މީހުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވާ މީހުންނާއި އެނދުމަތިކުރެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. އަދި ބޮޑުވަރުގެ އައަސީޔޫގައި ނޫނީ ވެންޓިލޭޓަރުގައި ފަރުވާދޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު، ގިނަ މީހުންނަށް ވެކްސިން ޖެހުމުން މަދުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ ފައިސަލް ވިދާޅުވީ "ދިރާސާތަކަށް ބަލާއިރުގަ އަޅުގަނޑުމެންނަށް ދެންނެވީ އޮލްމޯސްޓް ސުމަކާއި ހިސާބަށް އެބައިތައް ދާނެއޭ،" ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ޖެހުން ހަލުވިކަމާއެކު މިހާރު ކުރިއަށް އެބަގެންދެ އެވެ. ރާއްޖޭގައި މިއަދު ޖުމްލަ 5،003 މީހަކަށް ވެކްސިން ޖެހި އިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ވެކްސިންޖެހި 3،310 މީހުންނާއި އަތޮޅުތެރޭގައި ވެކްސިން ޖެހި 1،694 މީހުންނެވެ. އެއާއެކު ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 75،013 އަށް އަރާފަ އެވެ.