ބޮލީވުޑްގައ ސްވަރާ ބާސްކަރުއަށް މިހާރަކަށް އައިސް މަސައްކަތް ނުލިބެނީ އޭނާގެ ބަރުދަން އިތުރުވުމުން ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.

އިންޑިއާގެ ނޫހެއްގައި ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ސްވަރާއަށް ދާއިރާގައި ފުރުސަތުތައް ނުލިބުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ބަރުދަން ބޮޑުތަނުން އިތުރުވުން ކަމަށެވެ.

އެ ރިޕޯޓާމެދު ނުރުހުން ފާޅުކުރަމުން ސްވަރާ ވަނީ އެ ރިޕޯޓު ކުށްވެރިކޮށްފަ އެވެ. އަދި ހަމައެއާއެކު މިފަހުން އޭނާ ބަލިވެއިނދެ ދަރިއަކު ވިހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އަންހެނަކު ބަލިވެއިނދެ ދަރިއަކު ވިހެއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް މި މީހުންނަށް ކިޔައިދޭން ޖެހޭ،" ސްވަރާ އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ސްވަރާ ކައިވެނި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ ފަހަދް އަހުމަދުއާ އެވެ.