އިސްރާއީލްގެ ޕާސްޕޯޓު މަނާކޮށް، އެމީހުން ރާއްޖެ އަށް އެތެރެވުން ހުއްޓުވާ ނަމަ، އެމެރިކާގެ އެހީ ރާއްޖެ އަށް ކަނޑާލަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް މި ބިލް ހުށަހަޅަން ތައްޔާރު ވަނީ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ އެވެ. އޭނާއަކީ އިސްރާއީލަށް ތާއީދުކޮށް އެ ގައުމުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް މެމްބަރެވެ.

ގޮތެއިމާ އާއި އޭނާގެ ޕާޓީގެ މެމްބަރުން މަސައްކަތް ކުރަނީ "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް" ނުވަތަ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނަމުގައި ބިލެއް ހުށަހެޅުއްވުމަށެވެ.

ގޮތެއިމާ ނެރުއްވި ބަޔާނެއްގައި ވަނީ އިސްރާއީލްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވުމަކީ ޔަހޫދީންނާ މެދުގައި ނަފްރަތު އުފެއްދުމަށް ކެބިނެޓުން ކުރި ކަމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު އެމެރިކާ ޑޮލަރު ދޭން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އިން އިސްރާއީލްގެ ރައްޔިތުންނަށް އެތެރެ ނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ޔަހޫދިންނާ މެދުގައި ނަފްރަތު އުފައްދަން ކުރި ކަމެއް. އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު އެމެރިކާ ޑޮލަރުގެ އެންމެ ސެންޓެއް ވެސް ރާއްޖެއަށް ދޭން ނުޖެހޭނެ،" އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ މާލީ އެހީތެރިކަން ރާއްޖެއަށް ދިނެވެ.

ވަޒީރުންގެ މަޖިލިހުން ނިންމާފައި ވަނީ އިސްރާއީލްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.