ދެހާހުގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި "ކިޔޫކީ ސާސް ބީ ކަބީ ބަހޫ ތީ"އިން ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުކަން ހޯދި ސްމްރިތީ އިރާނީއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސްމްރިތީ މަޖިލީހަށް ކުރިމަތިލާފައިވަނީ އުއްތަރަ ޕްރަދޭޝްގެ އަމޭތީ ދާއިރާގެ ގޮނޑިއަށެވެ. އެ ދާއިރާގެ ގޮނޑި ނިމުނު ދައުރުގައި ކާމިޔާބުކުރީ ސްމްރިތީ އެވެ.

ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ޓިކެޓުގައި ވާދަކުރި ސްމްރިތީ ފަހަތަށް ޖައްސާލައި ކޮންގްރެސް ޕާޓީގެ ކިޝޯރު ލާލް ޝަރްމާ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ގާތްގަނޑަކަށް ދޮޅުލައްކަ ވޯޓުގެ ތަފާތުންނެވެ.

އެކަމަކު ސްމްރިތީ މިދިޔަ ދައުރުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ބަލި ގަބޫލުކުރަމުން ސްމްރިތީ ކުރި ޕޯސްޓުގައި އޭނާ ވަނީ އޭނާއަށް ތާއީދުކުރި އެންމެންނަށް ޝުކުރު އަދާކޮށް ގޮނޑި ކާމިޔާބުކުރި ކޭއެލް ޝަރްމާއަށް މަރުހަބާ ކިޔާފަ އެވެ.