އިންޑިއާގެ މަޖިލީހުގެ އިންތިހާބީ މެމްބަރު ކަންގަނާ ރަނޯޓްގެ މޫނުމަތީގައި ޖެހި އެގައުމުގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އޮފިސަރު ހައްޔަރުކޮށްފި އެވެ.

މިހާރު އެ އޮފިސަރު ހައްޔަރުކޮށް، މަގާމުން ސަސްޕެންޑް ވެސް ވަނީ ކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ އޮފިޝަލަކަށް ހަމަލާ ދިނުމެވެ.

ހަބަރުތައް ބުނާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން ހިނގި އެ ހާދިސާގައި އެ އޮފިސަރު ކަންގަނާގެ މޫނުގައި ޖެހީ ދަނޑުވެރިންނަށް ފުރައްސާރަ ކުރުމުން ކަމަށް ބުނެ އެވެ.

އޮފިސަރު ހައްޔަރު ކުރުމާއެކު އޭނާގެ ދިފާއުގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ކުރި ކަމެއް ކުރީ އާދައިގެ ރައްޔިތު މީހާގެ ހައްގުގައި ކަމަށް އެމީހުން ފާހަގަކުރި އެވެ.

އެ އޮފިސަރަށް ތައުރީފް ކުރަމުން ބޮލީވުޑްގެ މިއުޒިކް ކޮމްޕޯޒަރު ވިޝާލް ދަޑްލާނީ ބުނީ އެއީ ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެ އޮފިސަރުގެ ވަޒީފާ ގެއްލިއްޖެނަމަ ހުދު އޭނާ އެ އޮފިސަރަށް ވަޒީފާއެއް ދޭނެ ކަމަށެވެ.