އިނގިރޭސި ޝާހީ އާއިލާގެ ވަލީއަހުދު ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ކައިވެންޏަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި މީގެ ކުރިން ފެނިފައިނުވާ ފޮޓޯއެއް އާއްމުކޮށްފި އެވެ.

ޕްރިންސް ވިލިއަމްއާއި ޕްރިންސެސް ކޭޓްގެ ކައިވެނީގެ ތެރެއިން ނަގާފައިވާ އެ ފޮޓޯގައި ފެންނަނީ ދެމަފިރިން ކައިވެނި ހެދުމުގައި ފޮޓޯއަކަށް ހުއްޓި ހިނިތުންވެގެން ހުރި މަންޒަރެވެ. މީގެ ކުރިން ފެނިނުވާ މި ފޮޓޯ ފެނުމުން އިނގިރޭސިވިލާތުގެ މީޑިއާތަކުން އަންނަނީ ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.

ވިލިއަމްއާއި ކޭޓްގެ ކައިވެންޏަށް 13 އަހަރު ފުރުމުގެ މުނާސަބަތު އައިސްފައި މިވަނީ އެ ދެމަފިރިންގެ ހަޔާތަށް ދަތި ދުވަސްތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. އެގޮތުން ކޭޓް ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވާއިރު ޝާހީ އާއިލާއިން މިކަމާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އާއްމުކޮށްފައެއް ނުވެ އެވެ.

ލަންޑަނުގައި 2011 ވަނަ އަހަރު ކައިވެނިކުރި ވިލިއަމްއާއި ކޭޓްއަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ ޕްރިންސް ޖޯޖް 10، އާއި ޕްރިންސެސް ޝާލޮޓް 9، އަދި ޕްރިންސް ލުއި 6، އެވެ.