ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު ހައްޖު ދުވަހުގެ ވަކި ވަގުތެއްގައި ބަންދު ކުރަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ބޭނުމަށް ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު 15 ޖޫން ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 14:00 އަށް ބަންދު ކުރަން ނިންމާފައިވާ ކަަމަށެވެ.

އެ މުއްދަތުގައި އެ ސަރަހައްދުގައި ޖެޓް ސްކީ ދުއްވުމާއި މޫދަށް އެރި އުޅުމާއި ޑިންގީ ހުރަސްކުރުން ނުވަތަ އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީގެ އިއުލާންގައިވެ އެވެ.

އެޗްޑީސީން ބުނީ ޗެނަލް ބަންދުކުރަން ކުރަނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަަމަށެވެ.

މުނިފޫހިފިލުވާ ތަންތަނާއި އެހެނިހެން ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ޗެނަލް ޕާކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ.

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ކޯރާ ދިމާލުގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ ޗެނަލް ޕާކު ސަރަހައްދުގައި އޯވާވޯޓާ ރެސްޓޯރަންޓެއް އަޅާނެ ބަޔަކު ހޯދަން ވެސް ސަރުކާރުން މީގެކުރިން އިއުލާން ކުރި އެވެ.