ނިއު ދިއްލީ (ޖޫން 11) - ކޯލިޝަން ސަރުކާރުތައް ހިންގުމަށް އިންޑިއާ އަކީ އާ ގައުމެއް ނޫނެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގެ ވެރިއަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އާ ބޭފުޅެކެވެ.

ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކޯލިޝަން ސަރުކާރު މިހާރު އޮތީ އެންމެ ބޮޑު ޑިމޮކްރެސީ އޮތް އިންޑިއާގަ އެވެ. ދުނިޔޭގެ އެންމެ ބައިބޯ ގައުމުގެ އެ ބޮޑު ކޯލިޝަން ސަރުކާރުގެ ވެރިއަކީ ތިން ވަނަ ދައުރަކަށް މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި މޯދީ އެވެ. މިއީ މޯދީގެ ވެރިކަމުގެ ކުރީ ދެ ދައުރާ ތަފާތު ވެރިކަމެކެވެ. ކުރިން މޯދީ ވެރިކަން ކުރެއްވީ އަމިއްލަ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ފުރިހަމަ އަޣުލަބިއްޔަތު ޕާލަމެންޓުގައި އޮވެގެންނެވެ. ނަމަވެސް މިފަހަރު މޯދީގެ ވެރިކަން ދެމެހެއްޓުމުގެ ބާރު އޮތީ ބީޖޭޕީގެ ބަދަލުގައި ސަރަހައްދީ ޕާޓީތަކުގެ އަތުގަ އެވެ.

އިންޑިއާގައި 1989 އިން 2004 އަށް ބޭއްވި އާއްމު އިންތިޚާބުތަކުގެ ތެރޭން ހަ އިންތިޚާބެއްގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތެއް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު އުފެއްދި ކޯލިޝަން ސަރުކާރުތަކުގައި ވަނީ ވަރަށް އަވަހަށް ރެނދު އަޅައިފަ އެވެ. އަދި 1989 އިން 1999 އަށް އުފެއްދި ވަރަށް ގިނަ ކޯލިޝަން ސަރުކާރުތައް ވަނީ ރޫޅިފަ އެވެ.

އެކަމަކު އިންޑިއާގައި އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާފައި ވަނީ ބީޖޭޕީ އާއި ކޮންގްރެސް ޕާޓީން ކޯލިޝަން ސަރުކާރުތައް ހިންގި ދުވަސްވަރު އެވެ.

މިހާރު މިއީ 2014 ވަނަ އަހަރަށް ފަހު އިންޑިއާގައި ފުރަތަމަ ފަހަރަށް ކޯލިޝަން ސަރުކާރެއް ގާއިމްކުރި ފަހަރެވެ. ބޮޑުވަޒީރު މޯދީގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަން ސަރުކާރު ދެމިއޮތުމުގެ ބާރު އޮތީ ސަރަހައްދީ ދެ ޕާޓީ ކަމަށްވާ ޖަނަތާ ދާލް (ޔުނައިޓެޑް) އަދި ތެލުގޫ ދެސަމް ޕާޓީ (ޓީޑީޕީ) އަތުގަ އެވެ. މި ދެ ޕާޓީން 28 ގޮނޑި ކޮންޓްރޯލް ކުރެ އެވެ. ދެ ޕާޓީގެ ލީޑަރުންނަކީ ވެސް ތަޖުރިބާކާރު ސިޔާސީ ބޭފުޅުންނެވެ.

ސަރަހައްދީ ޕާޓީތައް ކަމަށްވާ ޖޭޑީޔޫގެ ލީޑަރު ނިޓިޝް ކުމާރު (ކ) އަދި ޓީޑީޕީގެ ލީޑަރު ނައިދޫ (މ) ބޮޑުވަޒީރު މޯދީއާ އެކު.

ޖޭޑީ ޔުނައިޓެޑުގެ ލީޑަރު ނިޓިޝް ކުމާރާއި ޓީޑީޕީގެ ލީޑަރު ޗަންދުރަބާބޫ ނައިދޫ މީގެ ކުރިން ވެސް ވަނީ ބީޖޭޕީ އިސްވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުތަކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ ވަނީ ޚިޔާލު ތަފާތުވުން އުފެދިގެން ކޯލިޝަނުން ވަކިވެފަ އެވެ.

ބީޖޭޕީން ސަރުކާރެއް އެކުލަވާނީ މި ދެ ޕާޓީގެ ތާއީދާ އެކު 293 ގޮނޑީގެ ޕާލަމެންޓް އަޣުލަބިއްޔަތުންނެވެ. ވެރިކަން ހިފެހެއްޓުމަށް ޕާލަމެންޓުގެ 543 ގޮނޑީގެ ތެރޭން މަދުވެގެން 272 ގޮނޑީގެ އަޣުލަބިއްޔަތު ބޭނުންވެ އެވެ. މި ދެ ޕާޓީ ކޯލިޝަނުން ވަކިވެއްޖެ ނަމަ މޯދީގެ ސަރުކާރު ވެއްޓޭނެ އެވެ. އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ނައިދޫ ހުންނެވި ދުވަސްވަރު އޭނާ އަކީ ސިޔާސީ ގޮތުން މޯދީގެ ވާދަވެރި އެކެވެ. އެ ދުވަސްވަރު އޭނާ މޯދީ ސިފަކުރައްވާފައި ވަނީ "ޓެރަރިސްޓެއްގެ" ގޮތުގަ އެވެ. ނައިދޫ އޭރު ވަނީ މޯދީ އަށް އެއްވެސް ބަޔަކު ވޯޓު ނުދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.

ސަރަހައްދީ ޕާޓީތައް ކަމަށްވާ ޖޭޑީޔޫގެ ލީޑަރު ނިޓިޝް ކުމާރު (ވ) އަދި ޓީޑީޕީގެ ލީޑަރު ނައިދޫ (ކ)

ބޮޑުވަޒީރުކަމުގެ ފުރަތަމަ 10 އަހަރު މޯދީގެ ވެރިކަން ދިޔައީ ވަރަށް އޮމާންކޮށެވެ. ނަމަވެސް މި ފެށުނު ފަސް އަހަރުގެ ވެރިކަމުގައި މޯދީ އަށް ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނަނީ ކޯލިޝަން ޕާޓްނަރުންގެ މާޒީގެ އަމަލުތަކަށް ރިއާޔަތް ކޮށްފަ އެވެ.

ބިހާރު ސްޓޭޓުގެ ޖަނަތާ ދާލް ޔުނައިޓެޑް (ޖޭޑީޔޫ) އަށް މި އިންތިޚާބުގައި ވަނީ 12 ގޮނޑި ލިބިފަ އެވެ. އަންދުރަ ޕްރަދޭޝްގެ ތެލުގު ދެސަމް ޕާޓީ (ޓީޑީޕީ) އަށް ވަނީ 16 ގޮނޑި ލިބިފަ އެވެ. ޑީޓީޕީ އާއި ޖޭޑީޔޫ އަކީ މި ފަހަރުގެ އިންތިޚާބުގެ ކުރީކޮޅު ކޮންގްރެސް ޕާޓީ ލީޑުކުރި އިންޑިއާ ކޯލިޝަނުގައި ހިމެނުނު ދެ ޕާޓީ އެވެ. އެހެންވެ މި ދެ ޕާޓީގެ އަމަލުތައް ކޮންމެ ފަދަ ގޮތަކަށް ވެސް ހުރެދާނެ އެވެ.

ބައެެއް ފަރާތްތަކުން ބުނާ ގޮތުގައި މޯދީގެ ވެރިކަމުގައި ހިންގާ ކޯލިޝަނެއް ވާނީ ޑިމޮކްރެސީ އަށް ރަނގަޅަކަށެވެ. ސަބަބަކީ ބީޖޭޕީގެ އަޣުލަބިއްޔަތު އޮތް ވެރިކަމުގައި ވަނީ ޑިމޮކްރެސީއާ ދެކޮޅު، ޚާއްސަކޮށް އިންޑިއާގެ މުސްލިމުންނަށް ދަތިވާ ގޮތަށް އެތައް ކަމެއް ކޮށްފަ އެވެ. ނަމަވެސް މިފަރު އެކުލަވާލި ސަރުކާރުގައި މޯދީ ބޭނުންވާހާ ގޮތަކަށް ކަންކުރުމުގެ ފުރުސަތު ކުޑަވެ، ޗެކް އެންޑް ބެލެންސް ހަރުދަނާވެ، ޖުޑިޝަނަރީ އާއި މީޑިއާ މިނިވަންވެ، ޕާލަމެންޓުގައި އިދިކޮޅަށް ވެސް ޖާގަ ލިބޭނެ އެވެ. އިދިކޮޅު ކޮންގްރެސް އިން 230 ގޮނޑި ކޮންޓްރޯލް ކުރެ އެވެ. އިދިކޮޅު ލީޑަރަކީ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.

ބީޖޭޕީގެ ލީޑަރު އަތަލް ބިހާރީ ވަޖްޕާއީ ވަނީ 1998 އިން 2004 އަށް ކާމިޔާބު ކޯލިޝަން ސަރުކާރެއް ހިންގަވައިފަ އެވެ. އެ ދުވަސްވަރު ވަޖްޕާއީ ވަނީ ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒްކޮށް، ބޭރުގެ އިންވެސްޓްމަންޓަށް މަގުފަހިކޮށް، ވިޔަފާރި އަށް ހުރި ހުރަސްތައް ނައްތާލައްވައިފަ އެވެ. އަދި އިންޑިއާ އަށް ވަނީ އައިޓީ އިންގިލާބެއް ގެންނަވައިފަ އެވެ. މީގެ އިތުރުން ޕާކިސްތާނާ އޮތް ނުތަނަވަސްކަން ކުޑަކޮށް، އެމެރިކާއާ އެކު ރަނގަޅު ގުޅުމެއް ގާއިމް ކުރެއްވި އެވެ. އެކަމަކު މި ހުރިހާ ކަމެއް ހާސިލްވީ ވަޖުޕާއީގެ ދޫދެއްވުމާއި މަޝްވަރާގެ ސްޓައިލުގެ ސަބަބުންނެވެ. އެކަމަކު މޯދީ އަކީ އެފަދަ ލީޑަރެއްތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.

މޯދީ އަކީ، ޖަވާހަރުލާލް ނެހްރޫ އަށް ފަހު ޖެހިޖެހިގެން ތިން ފަހަރު އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ލީޑަރެވެ.

އިންޑިއާގެ ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ހޯދީ ބީޖޭޕީންނެވެ. ކޯލިޝަނާ ނުލައި މޯދީގެ ބީޖޭޕީ އަށް މިފަހަރު ލިބިފައި ވަނީ 240 ގޮނޑި އެވެ. އިންތިޚާބުގެ ކުރިން ބީޖޭޕީން އަމާޒު ހިފީ އެ ޕާޓީ އެކަނި 370 ގޮނޑި ނެގުމަށެވެ. އަދި ކޯލިޝަނުގެ ތާއީދާ އެކު 400 ގޮނޑި ހޯދުމަށެވެ. ދެހާސް ސާދަ އަދި 2019 ވަނަ އަހަރު ބީޖޭޕީން އެކަނި ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ބީޖޭޕީ އެކަނި ވަނީ 303 ގޮނޑި ކަށަވަރުކޮށްފަ އެވެ. އެ އިންތިޚާބުގައި ކޮންގްރެސް އަށް ލިބިފައި ވަނީ 52 ގޮނޑި އެވެ.

އެކަމަކު މަދު ގޮނޑިތައް ލިބިގެން ވެސް ކާމިޔާބު ކޯލިޝަން ވެރިކަންތައް މީގެ ކުރިން ވަނީ އިންޑިއާގައި ހިންގައިފަ އެވެ. ކޮންގްރެސް ޕާޓީން 1991 ވަނަ އަހަރު ކޯލިޝަން ސަރުކާރެއް ހިންގި އިރު އެ ޕާޓީގެ ގޮނޑީގެ އަދަދަކީ 232 އެވެ. އަދި 2004 ގައި އެ ޕާޓީން ކޯލިޝަން ވެރިކަމެއް ކުރި އިރު ކޮންގްރެސްގެ ގޮނޑީގެ އަދަދަކީ 145 އެވެ. އަދި އޭގެ ފަހުން 2009 ގައި ކޯލިޝަނެއް ހިންގިއިރު ޕާޓީ އަށް ލިބިފައި ވަނީ 206 ގޮނޑި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރައްވަނީ.

ނަމަވެސް މޯދީ ލީޑްކުރައްވަނީ ވަރަށް "އެގްރެސިވް" ބީޖޭޕީ އެކެވެ. މޯދީގެ ގާތް އެކުވެރިޔާ އަދި ޕާޓީގެ ބާރުގަދަ ބޭފުޅެއް ކަމަށްވާ އަމިތު ޝާހު އަޅުއްވާ ފިޔަވަޅުތަކުން ގިނަ ބަޔަކު ނުރުހުންވެ އެވެ. އާ ސަރުކާރުގެ ހޯމް މިނިސްޓަރަކީ ވެސް އަމިތު ޝާހެވެ.

ބީޖޭޕީ ސަރުކާރުގެ އެންމެ ބޮޑެތި ކަންކަން، ކޯލިޝަން ޕާޓްނަރުންގެ ރުހުން ދެމެހެއްޓުމަށް މަޑުޖައްސާލަން މިފަހަރު ޖެހޭނެ އެވެ. ބީޖޭޕީގެ ވެރިކަމުގެ މައިގަނޑު ބައެއް އެޖެންޑާތައް މިހާރު ވަނީ ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ކަޝްމީރުގެ މިނިވަންކަން ހަނިކުރުމާއި ރާމް ފައްޅި ގާއިމްކުރުން ހިމެނެ އެވެ. މިކަންކަން ކޮށްފައި މިވަނީ މޯދީގެ ލީޑަޝިޕްގަ އެވެ. ކޯލިޝަން ޕާޓްނަރުންގެ އެެއް ޑިމާންޑަކަށް މިފަހަރު ވަނީ ހިންދޫ ވަތަނީ ބީޖޭޕީ ސަރުކާރުން މުސްލިމުންނާ މެދު ގެންގުޅޭ ކަރުކަށިކަން ދޫކޮށްލުމެވެ. ކޯލިޝަން ވެރިކަމެއް ދެމިއޮންނާނީ އެ މީހުންގެ ޑިމާންޑްތަކަށް ވެސް އިޖާބަ ދީގެންނެވެ. ސަރަހައްދީ ޕާޓީތަކުން ޑިމާންޑްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެ ޕާޓީތަައް ނިސްބަތްވާ ސްޓޭޓްތަކަށް އިތުރު ބާރުތައް ދިނުމާއި ކެބިނެޓުން ބާރުގަދަ މަގާމުތައް ދިނުން ހިމެނެ އެވެ. މިކަންކަން މޯދީ އަށް ފުރިހަމަކޮށް ނުދެވިއްޖެ ނަމަ މާޒީގައި، ބީޖޭޕީގެ ކޯލިޝަން ސަރުކާރުތަކަށް ވީގޮތަށް ސަރަހައްދީ ޕާޓީތައް ވަކިވެއްޖެ ނަމަ މޯދީގެ ސަރުކާރު ވެސް ވެއްޓިދާނެ އެވެ.