އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަން ކުރާނީ ރާއްޖެ އަށް ހެވާއި ލާބަ ލިބޭ ގޮތަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މޯދީ ދެއްވުމާ ގުޅިގެން އުފާ ކުރައްވާ ކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާފައިވެ އެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަށް ދެ ގައުމުގެ ގުޅުން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު، ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.