ހަކުރު ބަލި މެނޭޖްކުރުމަށް އުފައްދާފައިވާ ބޭސް އޮޒެމްޕިކް ޗައިނާގައި ބޮޑު ވިޔަފާރިއަކަށް ވެއްޖެ އެވެ.

އޮޒެމްޕިކްއަކީ ހަކުރު ބައްޔަށް އުފެއްދި ބޭހަކަށް ވިޔަސް މި ބޭސް މިހާރު ބޮޑަށް މާކެޓް ކުރަނީ ހިކެން ބޭނުންކުރާ ބޭހެއްގެ ގޮތުގަ އެވެ.

މި ބޭސް ބޭނުން ކުރުމުގެ ހުއްދަ 2021 ގައި ދިނުމާ އެކު، ޗައިނާގެ އިންޕްލުއެންސަރުންނާއި ސެލެބްރިޓީން ދަނީ ހިކެން ބޭނުންކުރާ ބޭހެއް ގޮތުގައި މި ބޭސް މާކެޓްކުރަމުންނެވެ. ޗައިނާއަކީ އެންމެ ގިނައިން ފަލަ މީހުން ދިރިއުޅޭ ގައުމަށްވުމާ އެކު މި ބޭސް ދަނީ ވަރަށް ގަދައަށް ވިކެމުންނެވެ.

އޮޒެމްފިލް އުފެއްދީ ޑެންމާކްގެ ޕާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ނޯވޯ ނޯޑިސްކް އިންނެވެ. މި ކުންފުނިން މިހާރު މަސައްކަތްކުރަނީ އެމީހުން އުފެއްދި އެހެން ބޭހެއް ކަމަށްވާ "ވެގޯވީ" ޗައިނާގައި ވިއްކުމުގެ ހުއްދަ ހޯދުމަށެެވެ. ވެގޯވީ އަކީ އޮޒމްޕިކްއާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ހާއްސަކޮށް ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭހަކީ މަސްގަނޑަށް ޖަހާ އިންޖެކްޝަނެއް ގޮތަށް އުފައްދާފައިވާ ބޭހެކެވެ.

ޗައިނާގައި އޮޒެމްޕިކްއަށް ޑިމާންޑް ބޮޑުވެ، މިދިިޔަ އަހަރު ވަނީ މި ބޭހުގެ ބްލެކް މާކެޓެއް ވެސް އުފެދިފަ އެވެ.