ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ބޯޑާ 2" ބެލުންތެރިންނާ ހަމައަށް އަންނަން އުޅޭކަން އެ ފިލްމުގެ ލީޑު ތަރި ސަނީ ޑިއޯލް ޔަގީން ކޮށްދީފި އެވެ.

މިކަން އިއުލާން ކުރުމަށް ބުރާސްފަތި ދުވަހު ސަނީ އޭނާގެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ބުނެފައިވަނީ 27 އަހަރު ފަހުން އޭނާ އެ އަންނަނީ ވައުދެއް ފުރިހަމަ ކުރަން ކަމަށެވެ.

"މީގެ 27 އަހަރު ކުރިން ފައުޖީއަކު އޭނާގެ ގައުމަށްޓަކައި ވައުދެއްވި. އެ ވައުދު ފުއްދަން އޭނާ އެބަ އާދޭ" އެ ޕޯސްޓުގައި ސަނީ ބުނެފައިވެ އެވެ.

ބުޝަން ކުމާރް، ކްރިޝަން ކުމާރް، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ޕްރޮޑިއުސްކުރާ އެ ފިލްމު ޑައިރެކްޓް ކުރާނީ އަނޫރާގް ސިންހް އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ހަނގުރާމަ މަތީ ފިލްމުގެ ގޮތުގައި ބެލެވޭ ބޯޑާ ރިލީޒް ކުރެވިފައިވަނީ މީގެ 27 އަހަރު ކުރިން 1997 ވަނަ އަހަރު އެވެ.

އެ ފިލްމުގެ ދެވަނަ ބައެއްގެ އާއްމުންގެ މެދުގައި އަޑު ގަދަވެފައިވަނީ ސަނީ އެންމެ ފަހުން ފެނުނު "ގަދަރު 2"އަށް ލިބުނު ބޮޑު ކާމިޔާބާއެކުގަ އެވެ.