ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯތްބަކީ ސިއްރުވެފައިވާ ކަމެއް ނޫނެވެ. ކުޑަ ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ ވެސް ދިވެހި ރާއްޖެ އަންނަނީ ކެނޑިނޭޅި ފަލަސްތީނުގެ މައްސަލައިގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ.

މިކަން މިފަހަރު އަޅައިގަތީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ލޯތަކުގަ އެވެ. "ފަލަސްތީނާއެކު ދިވެހީން"ގެ ނަމުގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ ޓެލެތޯންގެ ހަބަރުތައް މިހާރު އަންނަނީ ބޭރުގެ މީޑިއާތަކުގައި ދައުރުވަމުންނެވެ.

އެގޮތުން އެ ޓެލެތޯންގެ ތެރެއިން ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ވަކި ވަކި ފަރުދުން ވެސް ދީލަތިކަމާއެކު އެހީވެދީފައިވާކަން އެ ހަބަރުތަކުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެއާއެކު މި ހަރަކާތުގެ އަޑުތަކާއި މަންޒަރުތައް ސޯޝަލް މީޑިއާއަށް ވެސް ފެތުރި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދިވެހިންނަށް ތައުރީފް ވެސް ކުރަމުންނެވެ.

ރައސް މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ޕީއެސްއެމްއާއި ބައެއް އަމިއްލަ މީޑިއާތައް ގުޅިގެން ކުރިއަށްދިޔަ ޓެލެތޯންގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެއްކުރެވިފަ އެވެ.

މިކަމުން ވެސް އެނގިގެންދަނީ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވުމުގައި ދިވެހިން ފަސްނުޖެހޭނެ ކަމެވެ. ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް މިކަމުގައި ދިވެހިންގެ އަޑު ގަދަކަމެވެ.