އިންޑިއާގެ ހިމާލިޔާ ފަރުބަދަމަތީގައި އޮންނަ އަވަށެއްގެ ބިމުގެ އަޑީގައި ނިއުކްލިއާ ޑިވައިސްއެއް ވަޅުލެވިފައިވާ ކަމަށް އެ އަވަށުގެ މީހުން ގަބޫލުކުރެ އެވެ.
އެހެން ކަމުން މިމަހުގެ ކުރީކޮޅު، ރެއިނީގައި ފެންބޮޑުވުމުން އެ އަވަށުގެ މީހުން ހީކުރީ އެއީ ބިމުގެ އަޑިގައިވާ އެ ޑިވައިސް ފަޅައިގެން ގޮސް ހިނގާދިޔަ ހާދިސާއެއް ކަމަށެވެ. ނަމަވެސް ސައިންޓިސްޓުން ބުނިގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ކޯރަކަށް އައިސް ފެންގަނޑެއް ވެއްޓުމުމުގެ ސަބަބުން އެ ކޯރުގެ ފެންބޮޑު ވެގެންނެވެ. މި ހާދިސާގައި އުއްޓްރަކަންޑްގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ސައިންޓިސްޓުން މިހެން ބުނި ނަމަވެސް މިއީ ރެއިނީގައި ދިރިއުޅޭ މީހުން ގަބޫލުކުރާ ގޮތެއް ނޫނެވެ.
"އަހަރެމެން ގަބޫލުކުރާގޮތުގައި މި ހާދިސާ ހިނގާދިއުމުގައި އެ ނިއުކްލިއާ އާލާތުގެ ދައުރެއް ވޭ. ފިނި މޫސުމުގައި ކިހިނެތް އެހާބޮޑު ގަނޑުފެންގަނޑެއް ނެއްޓިގެން އަންނާނީ؟ ސަރުކާރުން އެބަޖެހޭ މި ނިއުކްލިއާ އާލާތްތަކާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރަން،" ރެއިނީގެ ހެޑްމޭން، ސަންގްރަމް ސިންގް ރާވަތް ބުންޏެވެ.
ނިއުކްލިއާ ޑިވައިސްތައް ހުންނަ ވާހަކަ ދެކެވެނީ 1960 ވަނަ އަހަރު އެމެރިކާ އާއި އިންޑިއާއިން ގުޅިގެން ހިމާލިޔާ ފަރުބަދަތަކުގައި ނިއުކްލިއާ-ޕަވާޑް މޮނިޓަރިން ޑިވައިޒްތަކެއް ބަހައްޓަން ކުރި މަސައްކަތާ ގުޅިގެންނެވެ. މި ޑިވައިސްތައް ބަހައްޓާފައިވަނީ ޗައިނާގެ ނިއުކްލިއާ ޓެސްޓްތަކާއި މިސައިލްތަކަށް ފާރަލުމުގެ ގޮތުންނެވެ.
މީގެ 56 އަހަރު ކުރިން، 1965 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިމާލިޔާ ފަރުބަދައަށް އެރި އިންޑިއާ އަދި އެމެރިކާއަށް ނިސްބަތްވާ ގްރޫޕަކަށް ވަނީ ބަރުދަނުގައި 57 ކިލޯ ހުރި ޕްލޫޓޯނިއަމް ހިމެނޭ ހަތް ކެޕްސޫލާއެކު ފާރަލަން ބޭނުންކުރާ ޒާތުގެ އާލާތްތަކެއް ފެނިފަ އެވެ. މިއީ އުސްމިނުގައި 7،816 މީޓަރު ހުންނަ ނަންދާ ދޭވީ ފަރުބަދައިގެ އެންމެ އުހުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އާލާތްތަކެކެވެ. މިއީ އިންޑިއާގެ ދެވަނައަށް އެންމެ އުސް ޕީކެވެ. އަދި މިއީ އިންޑިއާގެ އިރު އުތުރުން ޗައިނާ ބޯޑަރު ކައިރި ވެސް މެ އެވެ.
މޫސުން ގޯސްވެ އިތުރަށް ފަރުބަދައިގެ މައްޗަށް އަރަން އުނދަގޫވެ، އެ ޓީމުން ވަނީ ހުރިހާ ސާމާނެއް "ޕްލެޓްފޯމެއް"ގެ މައްޗަށް ދޫކޮށްލުމަށްފަހު އެނބުރި އައިސްފަ އެވެ. އޭގެ ތެރޭގައި ހަފޫޓް ހުރި އެންޓަނާއަކާއި ދެ ރޭޑިއޯ ކޮމިއުނިކޭޝަން ސެޓާއި ޕަވަ ޕެކެއްގެ އިތުރުން ޕްލުޓޯނިއަމް ކެޕްސޫލްތައް ވެސް ހިމެނެ އެވެ.
ޖެހިގެން އައި އަހަރު އެ މީހުން އެނބުރި ދިޔަ އިރު އެ އާލާތްތަކެއް އެތަނުގައި ނެތެވެ. މިއަދާ ހަމައަށް ވެސް އެ ކެޕްސޫލްތަކަށް ވީގޮތެއް އެއްވެސް ބަޔަކަށް ނޭނގެ އެވެ.
"އެ ޕްލޫޓޯނިއަމްތައް ކުނޑިއަށް ބަދަލުވެގެން ގަންގާ ކޯރާ ދިމާއަށް ފައިބަނީކަމަށް ވެދާނެ،" ޓަކޭޑާ ބުންޏެވެ.
ޓަކޭޑާ ލިޔެފައިވާ ފޮތް ނަންދާ ދޭވީގައި އިނގިރޭސިވިލާތުގެ ޓްރެވަލް ލިޔުންތެރިއެއް ކަމަށްވާ ހަގް ތޮމްޕްސަން އާއި ހަވާލާދީ އޭނާ ލިޔެފައިވާ ގޮތުގައި ފަރުބަދަތަކަށް އެރި އެމެރިކާގެ މީހުން ތިބީ ގައިގެ ހަންގަނޑު ކަޅުކުރުމަށް އިންޑިއާގެ ޓޭނިން ލޯޝަނެއް ބޭނުންކޮށްގެންނެވެ. އަދި ބަޔަކަށް ޝައްކުވިޔަ ނުދޭން "ހައި އެލްޓިޓިއުޑް ޕްރޮގްރާމެއްގައި" އޮކްސިޖަަން ލެވެލްގައި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއް ކުރާ ކަމަށް ދެއްކުމަށް ވެސް އިރުޝާދުދީފައިވާ ކަމަށްވެ އެވެ.
މި އެކްސްޕެޑިޝަންގެ ވާހަކަ އޮތީ 1978 ވަނަ އަހަރާއި ހަމައަށް ސިއްރުކޮށްފަ އެވެ. މި ވާހަކަ އެންމެ ފުރަތަމަ ގެނެސްދިނީ ވޮޝިންޓަން ޕޯސްޓުންނެވެ. އޭގައި ލިޔެފައިވާ ގޮތުން ހިމާލިޔާ ފަރުބަދައިގެ އެންމެ އުސް ހިސާބުތަކުގައި ފާރަލާ އާލާތްތައް ބެހެއްޓުމަށް ސީއައިއޭ އިން ވަނީ އެކަމުގެ މާހިރުންގެ ޓީމެއް އެކުލަވާލާފަ އެވެ.
އެ ނޫހުން ޔަގީންކޮށްފައިވާ ގޮތުގައި 1965 ވަނަ އަހަރު ކުރިއަށްދިޔަ ފުރަތަމަ އެކްސްޕެޑިޝަންގައި އެ މީހުންގެ އަތުން ހުރިހާ އާލާތްތަކެއް ގެއްލުނެވެ. އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް އެ މަސައްކަތް ފަށާ އެ ފަހަރު "ކޮންމެވެސް ވަރަކަށް ކާމިޔާބުވި" ކަމަށް ސީއައިއޭގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވެ އެވެ.
އޭގެ ފަހުން 1967 ވަނަ އަހަރު ތިންވަނަ ފަހަރަށް ވަނީ ފަރުބަދައިގައި އާލާތްތައް ހަރުކުރުމަށް މަސައްކަތްކޮށްފަ އެވެ. އެ ފަހަރު އެ މިޝަން ވަނީ ކާމިޔާބުވެފަ އެވެ. ތިން އަހަރަށް ދެމިގެން ދިޔަ މި މިޝަންގައި ބައިވެރިވި ސާދަ މީހުން ހިމެނޭ ޓީމުގެ މެންބަރުންނަށް ކޮންމެ މަހަކު 1،000 ޑޮލަރު ދީފައިވެ އެވެ.
މީގެ 43 އަހަރު ކުރިން 1978 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މޮރާރްޖީ ދޭސާއި ވަނީ އިންޑިއާ އާއި އެމެރިކާ ގުޅިގެން ފަރުބަދަތަކުގައި ނިއުކްލިއާ އަލާތްތައް ހަރުކުރި ވާހަކަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ކިހާ ކާމިޔާބު މިޝަނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ދުވަސްވަރު އިންޑިއާގައި ސީއައިއޭއިން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލާ އާންމުން ވަނީ އެއްވުންތައް ވެސް ބާއްވާފަ އެވެ.
ހިމާލިޔާއަށް ގެއްލުނު ނިއުކްލިއާ އާލާތްތަކަށް ވީގޮތް އެއްވެސް މީހަކަށް ނޭނގެ އެވެ. އެ މިޝަންގައި ބައިވެރިވި އެމެރިކާގެ މީހަކު ޓަކޭޑާއަށް ބުނިގޮތުގައި އެ ޑިވައިސްތައް ވަނީ ބިންގަނޑުކަނޑައިގެން ދިޔަ ހާދިސާއެއްގައި ގަނޑުފެންގަނޑެއްގައި ހަރުލާފަ އެވެ. އޭގެއިން ކުރާނެ އަސަރެއް ބުނަން ދަތިކަމަށް ވެސް އޭނާ ބުންޏެވެ.
އެ މިޝަންގެ ބައިވެރިން ބުނިގޮތުގައި ރެއިނީގައި ހުންނަ ކުޑަ ސްޓޭޝަންއަކުން އެ އަވަށުގެ ކޯރުގައި ހުންނަ ފެނާއި ވެލީގައި ރޭޑިއޯއެކްޓިވް ހުރޭތޯ ބެލުމަށް ގަވާއިދުން ޓެސްޓުކުރެ އެވެ. ނަމަވެސް މިހާތަނަށް ވެސް ރޭޑިއޯއެކްޓިވްގެ އަަސަރު ހުރި ކަމެއް ނުވަތަ ނޫންކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ހިމާލިޔާގައި ނިއުކްލިއާ އާލާތްތައް ބެހެއްޓި މިޝަންގައި ބައިވެރިވެވުމުން ހިތާމަކުރަންތޯ ބީބީސީ އިން ސުވާލުކުރުމުން އެ މިޝަންގައި ބައިވެރިވި ކެޕްޓަން ކޯލީ ބުނީ "އުފަލެއް ވެސް ދެރައެއް ވެސް ނުވާ ކަމަށާއި، އޭނާ ކަންތައް ކުރީ އޯޑަރުތަކާއި އެއްގޮތަށް" ކަމަށެވެ.