ސްޓުޓްގާޓް (16 ޖޫން) – ޔޫރޯގެ ގުރޫޕް ސީގައި މިރޭ ޑެންމާކާއި ސްލޮވީނިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ޑެންމާކަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. މިއީ އެރިކްސަންއަށް ހާއްސަ ލަނޑެކެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯގައި ކުޅެނިކޮށް އެރިކްސަންގެ ހިތުގެ މައްސަލައެއް ދިމާވެ، އޭނާ ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރި އެވެ. އޭގެ ފަހުން އައިސީޑީއެއް ލައްވައި، އޭނާ ވަނީ އަލުން ކުޅެން ފަށައިފަ އެވެ.

ޑެންމާކަށް މުޅި މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު އެ ޓީމަށް ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

އެކަމަކު މެޗުގެ 77 ވަނަ މިނިޓުގައި ސްލޮވީނިއާ އެރިކް ޔަންޒާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޔަންޒާ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ޝޮޓް ގޯލަށް އަމާޒުވީ ޑެންމާކްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. -- އޭއެފްޕީ